ޤަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެ ޤައުމުގައި ނުބާއްވަން ފީފާއިން ސީރިއަސްކޮށް ވިސްނަން ފަށައިފި ކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނަން ފަށައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ އިސް އޮފިޝަލުންނާ ހަވާލާދީ ޖަރުމަނުގެ ނޫސްތަކުން ބުނެފައިވަނީ ފިފާގެ ކުރީގެ ރައީސް ސެޕް ބެލްޓާ އިސްވެ ހުންނަވައި ޤަތަރުގައި ބާއްވަން ނިންމި ވޯލްޑް ކަޕުގެ މައްސަލަ ތަހުޤީގު ކުރަން ފީފާއިން ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުޤީގުކޮށް އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ޤައުމެއް އިއުލާނުކުރާނެ ކަމަށެވެ. ޤަތަރުގެ ބަދަލުގައި ވޯލްޑް ކަޕް ބާއްވާނެ ކަމަށް ޖަރުމަނު ނޫސްތަކުން ލަފާކުރާ ޤައުމަކީ އިނގިރޭސިވިލާތެވެ. ނަމަވެސް މި ލިސްޓުގައި ޖަރުމަނާއި އެމެރިކާ ވެސް ހިމެނެއެވެ.
ޤަތަރުގައި ވޯލްޑް ބޭއްވުމާ އެންމެ ބޮޑަށް ދެކޮޅު ހަދަމުންދަނީ އެމެރިކާ އާއި ސައޫދީ އަރަބިއާއެވެ. މި ދެ ޤައުމުން ޤަތަރު ވޯލްޑް ކަޕާ ދެކޮޅު ހަދަނީ ޓެރަރިޒަމަށް ވާގިވާ ކަމަށް ބުނެއެވެ. އެމެރިކާ އާއި ސައުދީން ވަނީ މިދިޔަ އަހަރުން ފެށިގެން ޤަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ސިޔާސީ ގުޅުން ވެސް ގުޅުން ކަނޑާލައިފަ އެވެ.
ޤަތަރުގައި ވޯލްޑް ކަޕް ބާއްވަން ފިފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އިއުލާނުކުރީ 2010 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރުގެ ރަޝިިޔާގައި ބާއްވާ ވޯލްޑް ކަޕާއި 2022 ވަނަ އަހަރުގެ ޤަތަރުގައި ބާއްވަން ހަމަޖެއްސި ވޯލްޑް ކަޕް ބިޑިން ޕްރޮސެސް ކުރިއަށް ގެންދިޔައީ އެކުއެކީގައެވެ. ނަމަވެސް މުބަރާތް ބާއްވާ ޤައުމު ކަނޑައެޅުމުގައި ފިފާގެ އިސްވެރިން ކޮރަޕްޝަން ހިންގާފައިވާ ކަަމަށް އެއިރު ވެސް އިނގިރޭސިން އަޑުއުފުލިއެވެ. މަޝްހޫރު ޑޭވިޑް ބެކަމް އާއި ޕްރިންސް ހެރީ ލީޑްކުރި އިނގިރޭސިންގެ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ގަސްތުގައި ފޭލްކޮށްލީ ކަމަށް ބުނެ، އިނގިރޭސިން ފަހުންވެސް ވަނީ ބްލެޓާއާ ދެކޮޅަށް މަސައްކަތްކޮށްފަ އެވެ. ފިފާގެ ރައީސް ބްލެޓާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީވެސް މި ތުހުމަތުތަކާހުރެ އެވެ. އޭނާ މިހާރު ވަނީ މިފަދަ މައްސަލަތަކުގައި ފުޓްބޯޅައިން 4 އަހަރަށް ސަސްޕެންޑްކޮށްފައެވެ.
ޤަތަރުގައި ވޯލްޑް ބޭއްވުމާ ޔޫރަޕުގެ ގިނަ ގައުމުތަކުން ވެސް ދެކޮޅެވެ. އެއީ 2022 ވަނަ އަހަރުގެ ޖޫން މަހު ގަތަރުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރާނެތީވެ މިއީ އިންސާނުން ފުޓްބޯޅަ ކުޅެން ހެޔޮވާވަރުގެ ހޫނުމިނެއް ނޫންކަަމަށްބުނެ އެވެ. ނަމަވެސް ޤަތަރުން ދަނީ ސްޓޭޑިއަމްތައް އެއާކޯންކުރަން ނިންމައި ވޯލްޑް ކަޕް ދިފާއުކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަލުން މައްސަލަ ބަލަން ނިންމައި ހުރިހާ ގަލެއް ފުރޮޅާލުމަކީ ޤަތަރަށް ސަލާމްތްނުވެވޭނެ ކަމެއް ކަމަށް އިނގިރޭސި އަދި ޖަރުމަނު މީޑިޔާތަކުން ޔަޤީންކުރެ އެވެ.