ކުޅިވަރު

ރާއްޖެ ވަރލްޑްކަޕްގައި ކުޅޭނެކަމަށް އުއްމީދުކުރަން - ކެރެމްބޫ


ފީފާ ވޯލްޑް ކަޕް ތަށި ރާއްޖެއަށް ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޤައުމުގެ ކުޑަކުދިންނަށް މިކަމުގެ ސަބަބުން އެދެވޭ ފައިދާއެއްކޮށް ރާއްޖޭގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް އެހީވެދިނުން ކަމަށް ފްރާންސް ޤައުމީ ޓީމާއެކު ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކްރިސްޓިއަން ކެރެމްބޫ ބުނެފިއެވެ.

ރާއްޖޭގެ މީޑިޔާއާ އާއި ވާހަކަ ދައްކަމުން ކެރެމްބޫ ބުނީ މިފަދަ ހަރަކާތެއް ފީފާއިން ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުގެ ފުޓްބޯޅައިގެ ކުރިމަގު އުޖާލަކޮށްދިނުން ކަމަށް. އަދި މިކަން ހާސިލް ކުރުމަށްޓަކައި ފުޓްބޯޅަ ކުޅެން ފަށާ އާ ޖީލުތަކަށް ކުރީގެ ޖީލުތަކުގެ ކުޅުންތެރިންނަށް އެނގިފައިވާ ކަންތައްތަށް ދަސްކޮށްދީ އެކުދިންނަށް ފުޓްބޯޅައިގެ ރަނގަޅު ތަރުބިއްޔަތެއް ދޭން ޖެހޭކަމަށެވެ.

ކެރެމްބޫ އިތުރަށް ބުނީ ދިވެހިރާއްޖެ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް އުއްމީދު ކުރާކަމަށާއި، ދެން ވޯލްޑް ކަޕެއްގައި ސާޅީހަށްވުރެ ގިނަ ޓީމަށް ފުރުސަތު ދޭން ފީފާއިން ނިންމާފައިވާކަމަށެވެ.

ކުރިން ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ކެރެމްބޫ ބުނީ ރާއްޖެއަށް ފީފާ ވޯލްޑް ކަޕް ގެނައުމުން އާޖީލުތަކަށް ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ. އަދި ކަމެއް ހާސިލްކުރަން އެންމެ މުހިއްމު އެއްޗަކީ އެކަމަށް އަޒުމް ކަނޑައަޅާ ގަދައަށް މަސައްކަތް ކުރުން ކަމަށެވެ.