ދުނިޔޭގެ އެންމެ މަޝްހޫރު ތަށި ފީފާ ވޯލްޑް ކަޕް ޓްރޮފީ މިއަދު ހަވީރު ރާއްޖެ ގެންނާނެއެވެ.
މިހާރު ސްރީލަންކާގައި ހުރި މި ޓްރޮފީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ހަވީރު ފަސްގަޑި ސާޅީސް ފަހެއްގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގައި ވޯލްޑް ކަޕް ޓްރޮފީއާއި، ޓްރޮފީއާއެކު އަންނަ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ތަށި 54 ޤައުމަކަށް ގެންދިއުމުގެ ދަތުރު މިދިޔަ ހޯމަދުވަހު ފެށީ އިނގިރޭސިވިލާތުންނެވެ.
ތަށި ރާއްޖެއަށް ގެނެސްދޭނީ 1966 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި އިނގިރޭސި ގައުމީ ޓީމުގެ ފޯވަޑް ސރ. ޖިއޯފް ހާސްޓްއެވެ.
އޭނާއަކީ ވެސްޓް ޖާމަނީ އަތުން އިނގިރޭސިން 4-2އިން މޮޅުވި ފައިނަލް މެޗުގައި ހެޓްރިކް ހެދި ފޯވަޑެވެ. ތަށި ޤައުމުތަކަށް ގެންދިއުމަށް ޚާއްޞަ ބޯޓްގައި ކޮލަމްބޯއިން މާލެ އަންނަ ޓީމްގައި އޭއެފްސީގެ މާކެޓިންގ ކޮމިޓީގެ މެމްބަރު އަދި އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން މުޙައްމަދު ޝަވީދާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ޕީއެސްއެމް މެނޭޖިންގ ޑިރެކްޓަރ އިބްރާޚީލް ޚަލީލް ތަށްޓާއެކު ދަތުރުކުރައްވާނެއެވެ. މީގެއިތުރުން ޕީއެސްއެމް ސްޕޯރޓްސްގެ ޖަރނަލިސްޓް އިސްމާއީލް އަޒްމީންވެސް ޝަރަފްވެރި ތައްށްޓާއެކު ކޮލަމްބޯއިން މާލެ ދަތުރުކުރާނެއެވެ.
ޓްރޮފީ ރަސްމީކޮށް ރާއްޖޭގެ ރައްޔިތުންނަށް ދައްކާލާނީ މިރޭ ރަސްމީ ސްޓޭޑިއަމްގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދިވެހި ރައްޔިތުންގެ ފަރާތުން ތަށްޓާ ހަވާލުވެވަޑައިގެން، ތަށި ދައްކާލައްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމްއެވެ.
ތަށްޓާއެކު ފޮޓޯނެގުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލެވިފައިވަނީ މާދަމާ ހެނދުނުން ފެށިގެންނެވެ. ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނީ ޕީ.އެސް.އެމް އާއި ކޮކާކޯލާއިން ދޫކޮށްފައިވާ ހާއްސަ ޓިކެޓްތައް ލިބިފައިވާ ފަރާތްތަކަށެވެ. މިހަރަކާތް ކުރިއަށްދާނީ އެފް.އޭ.އެމް ޓާފް ދަނޑުގައެވެ.
ދުނިޔޭގެ ތަށި 54 ޤައުމަކަށް ގެންދާ ދަތުރަކީ ފީފާގެ އިޖްތިމާއީ ޒިންމާގެ ތެރެއިންނާއި މުބާރާތުގެ ފޯރި ގަދަ ކުރުމަށް ކޮކާކޯލާއާ ގުޅިގެން ކުރިއަށް ގެންދާ މުހިންމު ހަރަކާތެކެވެ.