ކުޅިވަރު

ވަރލްޑްކަޕް ޓްރޮފީ ދައްކާލުމުގައި މުޅި ރާއްޖެ ޝާމިލްކުރާނެ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ރާއްޖޭގައި ދައްކާލުމުގައި މުޅި ރާއްޖެ ޝާމިލް ކުރާނެ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

ތަށި ރާއްޖެ ގެނައުމުގެ ކައުންޓްޑައުން ފެށުމަށް ރޭ ޓީވީ މޯލްޑިވްސްއިން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކުން އަދި ކޮންމެ ރަށަކުން މީހަކު ހިމެނޭ ގޮތަށް ތައްޓާއެކު ހާއްސަ ގްރޫޕް ފޮޓޯއެއް ނަގާނެ ކަމަށެވެ. މިހެންވެ އަތޮޅުތަކަށާއި ރަށްރަށަށް ތަށި ދައްކާލުމުގެ ރަސްމިއްޔާތުގައި ބައިވެރިކުރާނެ މީހަކު ފޮނުވައިދިނުމަށް މިހާރު އެދިފައިވާނެ ކަމަށެވެ.

އަންނަ ބުދަ ދުވަހު ރާއްޖެއަށް ޓްރޮފީ ގެނައުމާއެކު ވެލާނާ އެއާޕޯޓުން ތައްޓާ ހަވާލުވާނީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިން ކޮޅެއް ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ. އެއަށްފަހު ރަސްމީކޮށް ރާއްޖޭގައި ތަށި ދައްކާލާނީ އެރޭ ގަލޮޅު ދަނޑުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްއެވެ.

ތަށި ރާއްޖެ ގެނައުމަށް މަސައްކަތް ކުރާ ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް ވިދާޅުވީ 25 ވަނަ ދުވަހު ޓްރެކް ދަނޑުގައި ބާއްވާ ހަރަކާތްތައް ކުރިއަށް ދާނީ ވަރަށް ރޭވުންތެރިކަމާއެކު ހިލޭ ޓިކެޓް ދޫކޮށްގެން ކަމަށެވެ. އަދި ކޮންމެ ޓިކެޓަކަށް ވެސް ވަކި ވަގުތެއް ހަމަޖެހިފައިވާނެ ކަމަށާއި އެވަގުތުގެ ތެރޭގައި ތައްޓާއެކު ފޮޓޯނަގަން ބޭނުންވާ ފަރާތްތަކުން އެކަންކޮށް ނިންމާލުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށެވެ.

ފީފާގެ ހުރިހާ ގައުމަކަށް ވޯލްޑް ކަޕް ތަށި ގެންދިއުމުގެ ޓުއާ ފެށުނުފަހުން މިއީ ރާއްޖެ އަށް މި ތަށި ގެންނަ ފުރަތަމަ ފަހަރެވެ.