ރިޕޯޓް

ދަނޑުވެރިންގެ ދުވަސް


ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރެވެ. 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރެއްގައި ދަނޑުވެރިންގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރު ރާއްޖޭގައި ފާހަގަކުރަނީ 9 ވަނަ ދަނޑުވެރިންގެ ދުވަހެވެ.

ދަނޑުވެރިކަމަކީ ޒަމާނުއްސުރެން ދިވެހިން ކުރަމުންއައި މުހިންމު މަސައްކަތެކެވެ. އޭރު ދިވެހިންގެ އިޤްތިސާދު މުޅިންހެން ބިނާވެފައިއޮތީ ދަނޑުވެރިކަމުގެ މައްޗަށެވެ. ނަމަވެސް ގިނަ ފަރާތްތަކުން ދަނޑުވެރިކަމަކީ މޫސުމީ ކަމެއްކަމަށް ޤަބޫލުކޮށް އެހެނިހެން ސިނާއަތްތަކަށް އިސްކަންދޭންފެށުމުގެ ސަބަބުން ދިވެހި އިޤްތިސާދުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު ވަނީ ދަށްވެފައެވެ.

އެފަދަ މީހުން ހާމަކުރާ ގޮތުގައި ޢިމާރާތް ކުރުމުގެ މަސައްކަތާއި، ރިސޯޓުތަކުގައި މަސައްކަތްކުރުން ފަދަ މަސައްކަތްތަކަކީ މުޅި އަހަރު ތެރޭގައި ދާއިމީ ގޮތެއްގައި ގިނަޢަދަދަކަށް ފައިސާލިބޭ މަސައްކަތްތަކަކަށްވާތީ އެފަދަމަސައްކަތްތަކަށް އެމީހުންނަށް ސަމާލުކަންދެވެއެވެ. 

ދިވެހިންގެ ދަނޑުވެރިކަމަށް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް އަންނަންފަށާފައެވެ. ދިވެހިން ޢާއްމުކޮށް ކުރިން ދަނޑުވެރިކަން ކުރަމުން އައީ ބިމުގެ ފަސްގަނޑުގައެވެ. ނަމަވެސް މިހާރު ފެނުގައި ވެސް ގަސް އިންދައެވެ. އަދި ގަހަށް ފެން ދިނުމަށް ވެސް ތަފާތު ގޮތްތައް ދަނީ ބޭނުންކުރަމުންނެވެ. ވީމާ، ދިވެހިންގެ ދަނޑުވެރިކަމަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފައެވެ. 

ފެނުގައި ގަސްހެއްދުން ނުވަތަ ހައިޑްރޯޕޯނިކްސް ދިވެހިންނަށް ތަޢާރަފުވެފައި ވަނީ ދެހާހުގެ އަހަރުތަކުގައެވެ. ގަހަށް ފެންދިނުމުގައި ބޭނުންކުރާ "ފާޓިލޭޝަން" ވެސް  މިހާރު ރާއްޖޭގައި ބޭނުންކުރެއެވެ. ރަނގަޅަށް ޑިޒައިން ކޮށްފައިވާ ފާޓިލޭޝަން ނިޒާމުގައި ހުރިހާ ގަހަކަށް އެއްވަރަކަށް ގަސްކާނާ ދެވި ގަސް ރަނގަޅަށް ހެދި ބޮޑުވެއެވެ. އަދި ވަގުތު ވެސް ސަލާމަތްކުރެވެއެވެ. 

ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2015 ވަނަ އަހަރުގެ ބަޖެޓުގައި ދަނޑުވެރިކަމާއި މަސްވެރިކަމަށް 67.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2016 ވަނަ އަހަރު ކަނޑައަޅާފައިވަނީ 74.3 މިލިއަން ރުފިޔާއެވެ. އަދި މިހިނގާ 2017 ވަނަ އަހަރު މި ނިސްބަތްވަނީ 127 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. 

މީގެ އިތުރުންވެސް ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓަރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. ދަނޑުވެރިކަން ތަރައްޤީކުރުމަށް ފަޅުރަށްތަކާއި، ބިންތަކާއި، ލޯނުވެސް އަންނަނީ ޢާންމުންނަށް ދޫކުރަމުންނެވެ. 

މި ސިނާޢަތަށް ޒުވާނުން ޝައުޤުވެރިކުރުވުމަށް ގިނަ ޙަރަކާތްތަކެއް ހިންގާ ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ރާއްޖޭގެ ތަފާތު އެކި ހިސާބުތަކުގައި އަންނަނީ ހިންގަމުންނެވެ. ދަނޑުވެރިކަމުގެ އުފެއްދުންތަށް މާކެޓްކޮށް އާވިޔަފާރީގެ އުފެއްދުންތައް ކޯޕަރޭޓް ސޮސައިޓީތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް މިނިސްޓަރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް އިންޕޯޓް ކުރެވޭތަކެތި މަދުކޮށް ރާއްޖޭގައި އުފައްދާ ތަކެތި ގިނަ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މީގެކުރިން ސަރުކާރުންވަނީ 5 ބާވަތެއްގެ މޭވާއާއި ތަރުކާރީ ރާއްޖެއަށް އެތެރެކުރަން ނުޖެހޭވަރަށް ހެއްދުމަށް އަމާޒުކަނޑައަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މިރުސް، ދޮންކެޔޮ، ކަރާ، ބަރަބޯ އަދި ފަޅޯއެވެ. 

ދަނޑުވެރިކަމަކީ، ބިމުގެ މުއްސަދިކަމުގެ މައްޗަށް ބިނާވެފައިވާ މަސައްކަތަކަށްވާތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ ބާވަތްތައްވެސް ތަފާތެވެ. ރާއްޖޭގެ ރަށްރަށުގައި ދަނޑުވެރިކަން ނުކުރާ ތަފާތު ސަބަބުތައް ހުރިއިރު، ގިނަ ދަނޑުވެރިން ފާހަގަކުރަނީ އެމީހުން ހައްދާ ތަކެތި މާކެޓްކުރުމަށް ގިނަ ދަތިތަކެއް ހުރިކަމަށެވެ. ގަސްގަހަށްޖެހޭ ބަލިބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވުމާއި ރަނގަޅު ޢާމްދަނީއެއް ލިބޭވަރަށް ތަކެތި ހައްދަން ބޭނުންވާ ބިން ގިނަރަށްރަށުން ނުލިބުން އެމީހުން ފާހަގަކުރެއެވެ. 

ދަނޑުވެރިކަމުން އެކަށީގެންވާ ރަނގަޅު ޢާމްދަނީއެއް ނުލިބޭކަމަށް ގިނަ ދަނޑުވެރިން ބުނެއެވެ. ބައެއް ރަށްރަށުގައި އެކަށީގެންވާގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ، ބިމުގެ މުއްސަދިކަން ލިބިފައެއްނުހުރެއެވެ. އެހެންވުމުގެ ސަބަބުންވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ދަނޑުވެރިކަން ނުކުރެވި ތިބިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރއިން މައުލޫމާތުދެއެވެ. 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރއިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގެ ގިނަ ރަށްރަށަކީ، މަސައްކަތްކޮށްފިނަމަ އެކަށީގެންވާ ފެންވަރަކަށް ދަނޑުވެރިކަން ކުރެވިދާނެ ރަށްރަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ހައްދާބާވަތްތަކުގެ އިތުރަށްވެސް ބައެއްކަހަލަ މޭވާއާއި ތަރުކާރީ ރާއްޖޭގައިވެސް ހެއްދިދާނެކަމަށް އެމިނިސްޓަރީން ބުނެއެވެ.