ދިވެހިރާއްޖޭގެ ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށާއި، ފެންވަރު ރަނގަޅު ތަޢުލީމާއި ދެމެހެއްޓެނިވި ގުޅުންތައް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބައިނަލްއަޤުވާމީ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއެންޔޫއިން ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފިޒިއޮތެރަޕީގެ ދާއިރާއިން މަތީ ތަޢުލީމާއި، ފަންނީ ތަރައްޤީއާއި، ސައިންޓިފިކް ދިރާސާތައް ފުޅާކުރުމުގެ އިތުރުން ރައްޔިތުންނަށް ލިބޭ ޞިއްޙީ އަދި ރިހެބިލިޓޭޝަން ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުންކަމަށެވެ.
މި އެއްބަސްވުން ޤާއިމުކުރެވިފައި މިވަނީ، ދިގު މުއްދަތުގެ ބަލިތައް އިތުރުވުމާއި، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ގިނަވަމުންދާތީ، ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ފިޒިއޮތެރަޕީއާއި ރިހެބިލިޓޭޝަންގެ މުހިންމުކަން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައިކަން އެމްއެންޔޫއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފިޒިއޮތެރަޕީއަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާދީ ހާލަތު ރަނގަޅުކުރުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށާއި، ހަށިގަނޑުގެ ހަރަކާތްތެރިކަން ދަމަހައްޓައި ދިގު މުއްދަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ޚިދުމަތެއްކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫއާއި ފިޒިއޮތެރަޕީ އެސޯސިއޭޝަން ގުޅިގެން ރާއްޖޭގައި ފިޒިއޮތެރަޕީ ދާއިރާއާ ގުޅުންހުރި ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، މި ދާއިރާއަށް ބޭނުންވާ ފަންނީ ޤާބިލު ދިވެހިން ބިނާކުރުމަށް މަސައްކަތްކުރާނެއެވެ.
ހަމައެހެންމެ މި ދާއިރާއިން ޢިލްމީ މަޢުލޫމާތު ބަދަލުކުރުމާއި، ދިރާސާތައް ކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މި ޚިދުމަތް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީކޮށް ހަރުދަނާކުރުމަށް މަގުފަހިވާނެކަން އެ ޔުނިވަރސިޓީން ފާހަގަކުރައްވައެވެ.