ޖަޕާނު ސަރުކާރުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ނުވަ މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ. މިތަކެތި ހަވާލުކުރެއްވީ ހެލްތު މިނިސްޓްރީގައި މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތެއްގައެވެ.
ޖަޕާނު ސަރުކާރުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ދެއްވި އެހީއަކީ އެޤައުމުގެ ސަރުކާރުގެ "ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑް" ޕްރޮގްރާމްގެ ދަށުން ދެއްވި އެހީއެކެވެ. މި ޕްރޮގްރާމްގެ ދަށުން މިފަހަރު ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރެއްވީ ހަ މިލިޔަން ހަތްދިހަހާސް ޖަޕަނީސް ޔެންގެ ތަކެއްޗެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ނުވަމިލިޔަން ތިންސަތޭކަ ސާޅީސްހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާއެވެ. ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަދިޔާކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކަޒޫމީ އެންޑޯއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ޖަޕާނު ސަރުކާރުން ހަދިޔާ ކުރެއްވި ތަކެތި ބޭނުން ކުރައްވާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒްތަކުގައިކަމަށެވެ. އަދި މި އެހީއާއެކު އަތޮޅުތަކުންދޭ ސިއްޙީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް އަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ، މީގެތެރެއިން ބައެއް ސާމާނު މިހާރުވެސް ރާއްޖެ ގެނެސްފައިވާކަމަށާއި، ބާކީ ހުރި ސާމާނުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކަޒޫމީ އެންޑޯ ވިދާޅުވީ، ދިވެހިރާއްޖެއަށް ޖަޕާނުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ތަކެތީގެ ތެރޭގައި މޯބައިލް އެކްސްރޭ މެޝިނާއި ޑެންޓަލް ޔުނިޓާއި މޯބައިލް ވެންޓިލޭޓާ ފަދަ ތަކެތި ހިމެނެއެވެ. ޖަޕާން ސަރުކާރުގެ "ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑް" ޕްރޮގްރާމްގެ 2012 ވަނަ އަހަރުވެސް ވަނީ 7.7 މިލިޔަން ރުފިޔާގެ އަގުހުރި ސާމާނު ސިއްޙީ ދާއިރާއަށް ހަދިޔާކޮއްފައެވެ.