ޚަބަރު

އައްޑޫ ހިތަދޫގައި ޤާއިމުކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ހުޅުވައިފި


  • މިއިމާރާތް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް

  • މިއީ 3 ބުރީގެ 40 މީހުންގެ ޖާގައިގެ އިމާރާތެއް

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ދެކުނުގެ ސަރަޙައްދުގައި މަސައްކަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިމާރާތްކުރި ތަނެކެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ތިން ބުރީގެ 40 މީހުންގެ ޖާގައިގެ މި އިމާރާތް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަޙައްދުގައި ޚިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކުރުމަށް ހިންގި މަޝްރޫޢެކެވެ.

މި އިމާރާތުގައި ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަން ވަސީލަތްތަކުގެ އިތުރުން، އިދާރީ އަދި އާންމު ޚިދުމަތްތަކަށް ޚާއްސަ ބައިތައް ވަނީ ހިމަނާފައެވެ. އެގޮތުން ކޮމާންޑަށް ބޭނުންވާ އޮފީސް ޖާގައާއި، ބައްދަލުވުންތަކަށް ޚާއްސަ ކޮންފަރެންސް ރޫމަކާއި، ކޮމަން އޭރިއާތައް ހިމެނެއެވެ. މި އިމާރާތް ފުރިހަމަކޮށްފައިވަނީ ފުލުހުންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށް ބޭނުންވާ އެންމެހައި ފަރުނީޗަރާއި އެހެނިހެން އަސާސީ ވަސީލަތްތަކާ އެކުގައެވެ.

މި މަޝްރޫޢުގެ އާކިޓެކްޗަރަލް ޑިޒައިން 2022 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓް ޓީމުން ތައްޔާރުކޮށްފައިވާއިރު، މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ޖަނަވަރީ 8 ގައެވެ. އަދި 2023 ޖަނަވަރީ 15 ގައި ސައިޓް ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2023 ފެބުރުވަރީ 14 ގައެވެ.

ހިތަދޫ ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ހުޅުވުމަކީ މާލެ ސަރަޙައްދުން ބޭރުގައި މަސައްކަތްކުރާ ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، މުޅި ރާއްޖޭގައި ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސަދަން ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ސައުތު ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.