ތަރައްްޤީ

"އައްޑޫސިޓީގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެ"


އައްޑޫސިޓީގައި ޤާއިމުކުރައްވާ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރުގެ ތެރޭގައި ހުޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާދެއްވުމަށްފަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުން ކަމަށެވެ. ރާއްޖޭގައި ހުރި ސަރުކާރުގެ އެންމެބޮޑު ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗަށް ކުރާ އިތުބާރު ބޮޑުކުރައްވައި ޞިއްޙީ ޚިދުމަތް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ޚަރަދުތައް ކުޑަކުރުމަކީވެސް ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ޤާއިމުކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫއުތަކަށްވެސް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

"އައްޑޫސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އެ ހޮސްޕިޓަލް ހުޅުވިގެންދާނެ. މީގެއިތުރުން، ރާއްޖޭގެ އުތުރުގައިވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ބޭރުގެ ފަރާތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ މިދިޔަ އަހަރު ޞިއްޙީ ދާއިރާއިން ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވީ ރާއްޖެއިން ލިބެން ނެތް ބައެއް ޞިއްޙީ ޚިދުމަތްތައް އައި.ޖީ.އެމް.އެޗްގައި ޤާއިމުކުރެއްވުމަށްކަމަށެވެ. މިގޮތުން މުޅިން އާ ޚިދުމަތްތަކެއް ދެއްވަން ފަށްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ނޭޝަނަލް ކާޑިއެކް ސެންޓަރެއް ޤާއިމުކޮށް، އެ ސެންޓަރުން ޚިދުމަތްދޭން ފެށުމާއި، ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރެއް ޤާއިމުކޮށް، ކިޑްނީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ލިބޭނެ އިންތިޒާމު، އައި.ޖީ.އެމް.އެޗް.ގައި ވަނީ ހަމަޖައްސާދީފައި. އަދި މިދިޔަ އަހަރު، ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް އައި.ޖީ.އެމް.އެޗްގައި ފެށިގެން ދިޔުމަކީ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ، އެންމެފަހުގެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ފަރުވާދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް" ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ލުއި ފަސޭހަކޮށް ޞިއްޙީ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އާސަންދައިން ދެއްވަމުން ގެންދަވާ ޚިދުމަތްތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބިދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ. މިގޮތުން 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދަވާ ސުޕަރ ސްޕެޝަލިސްޓް ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު ތަފާތު އެތައް ދާއިރާއަކުން 80 ސުޕަރސްޕެޝަލިސްޓުން ރާއްޖޭގެ 14 އަތޮޅަކަށް ޒިޔާރަތްކުރައްވައި، 5427 ބަލިމީހުންނަށް ޚިދުމަތް ދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.