ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ލީގު އޮތް، ޔޫރަޕުގެ އެންމެފަހުގެ ޗެމްޕިއަން ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުގައި، ރޭންކިންގައި އެ ޓީމަށްވުރެ އތައް ދަރަޖައެއް ފަހަތުގައި އޮތް ކޭޕް ވާޑާ ދެކޮޅަށް ކުޅެ އެއްވަރުވެއްޖެއެވެ.
އެމެރިކާގެ އެޓަލާންޓާ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެންވެސް މޮޅަށް، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްޕެއިނުންނެވެ.
ފުރަތަމަ ހާފުގެ ތަފާސްހިސާބަށް ބަލާއިރު، 70 އިންސައްތަ ބޯލް ޕޮސެޝަން ދެމެހެއްޓީ އެ ޓީމުންނެވެ.
ފުރަތަމަ ހާފުގައި އެކަނިވެސް، ކޭޕް ވާޑްގެ ގޯލާ އަމާޒުކޮށް ސްޕެއިންގެ ކުޅުންތެރިން ވަނީ 10 ހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް މީގެތެރެއިން ގޯލާ އަމާޒުވީ އެންމެ ފަސް ހަމަލާއެކެވެ. މި ހާފުގައި ކޭޕް ވާޑުން އެންމެ ތިން ހަމަލާ އުފެއްދިއިރު، އޮން ޓާގެޓަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފު ފަށައިގެންވެސް ކުރިއަށް ޖެހި އެޓޭކިން ގޭމެއް ކުޅުނީ ސްޕެއިނުންނެވެ. މުޅި މެޗުގައިވެސް ކޭޕް ވާޑުން ކުޅުނި ޑިފެންސިވް ގޭމެކެވެ. ކުރިއަށް ޖެހި، ހަމަލާއެއް އުފެއްދޭނެ މާ ގިނަ ފުރުސަތުތަކެއްވެސް އެ ޓީމަށް ލިބިފައެއް ނުވެއެވެ
މެޗުގެ ފުރިހަމަވަގުތުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ދެޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން ސްޕެއިންގެ ޑެނީ އޮލްމޯ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއްގައި އޮޔަރްޒަބާލް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
އެފަހުން ކޭޕް ވާޑުގެ ކުޅުންތެރިންވެސް ކޯނަރެއްގައި ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ވަނުމަށް ހުރަހަކަށްވީ ސްޕެއިންގެ ކީޕަރު އުނާއި ސިމޮންސްއެވެ.
ލަނޑެއް ފެނިގެން ނުދާ މި މެޗުގެ ނަތީޖާއާއިއެކު ގިނަ ބަޔަކަށް ހައިރާންކަން ގެނުވިއިރު، ސްޕެއިން އަކީ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ 3ވަނައިގައި އޮތް ގައުމެވެ. ކޭޕް ވާޑޭ އޮތީ ރޭންކިންގެ 64 ވަނައިގައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސްޕެއިންގެ ވިދުންގަދަ ތަރި ލަމިން ޔަމާލް މި މެޗުގައި ކުޅެން އެރީ ދެވަނަ ހާފުގައި، މެޗުގެ 71 ވަނަ މިނެޓުގައެވެ.
ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ތަރިންގެ ސްކޮޑެއް އޮތް ސްޕެއިނަށް ކޭޕް ވާޑާ ދެކޮޅަށްކުޅެ ނަތީޖާ ނުނެރެވުނުއިރު، އެ ޓީމަށް ކުރިއަށް ދެން އޮތީ މި މަހުގެ 21 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ކޭޕް ވާޑަށް އޮތީ އުރުގުއޭއާ ދެކޮޅަށަ ކުޅެން އޮތް މެޗެވެ.