ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ. މި ޕްރޮޖެކްޓަށް ހުޅުވާލާފަވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާގޮތަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އެކި ފަންތިއަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެދަށުން ކުރިއަށް ގެންދިއުމަށް ނިންމާފަވާ މަޝްރޫޢުއެއްކަމަށެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ 1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢު ކުރިއަށް ގެންދާނީ "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްއަށެވެ. މިއީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެންމެ އަސާސީ މިންގަނޑަށްވުރެ މަތިން ކުރިއަށްގެންދާ ކެޓަގަރީއެކެވެ.
ސަރުކާރުން މަސައްކަތްކުރަނީ ހުރިހާ ފަންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުޅުވާލާފަވަނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެ ވުޒާރާއިން ވިދާޅުވީ ދިވެހި ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުންކަމަށެވެ.
މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފުރަތަމަ އިޢުލާނުކޮށްފަވާ 7900 ހައުސިންގ ޔުނިޓްވެސް ދޫކުރުމަށް ހަމަޖެހިފަވަނީ މާލެ ސަރަޙައްދުންނެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި ހަވާލުކޮށްގެން، އެފޯޑަބަލް ހައުސިން ކެޓަގަރީގެ ދަށުން ތަރައްޤީކުރާ 3272 ޔުނިޓްގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުގައި ތަރައްޤީކުރަނީ ވިލިމާލެއިން 312 ފްލެޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 546 ޔުނިޓް އަދި ހުޅުމާލެ 3 ވަނަ ދިޔަވަހިން 2414 ހައުސިންގ ޔުނިޓެވެ.
ސަރުކާރުން ހާމަކުރައްވާގޮތުގައި ބީއެމްއެލްއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢާއި، އިންޑިއާ ސަރުކާރުގެ އެހީގައި ފައިނޭންސް ލިބިފަވާ 4،000 ޔުނިޓާއި އަދި ސަޢުދީ ފަންޑާއި އެހެނިހެން ބޭރުގެ އެހީތަކުގައި ހަމަޖެހިފަވާ މަޝްރޫޢުތައް ހިމެނެއެވެ. އަދި މި މަޝްރޫޢުތަކަކީ ފަންޑިން ހަމަޖެހިފައިވާ މަސައްކަތްތައްކަމަށްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިވަގުތު އެކި މަރުޚަލާތަކުގައި 9000އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ހާމަކުރައްވާފައިވެއެވެ.