ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގެ 54،400 އަށްވުރެ ގިނަ ގޭބިސީއަށް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފެށީ މިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތުގެ ތެރެއިން، ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ ޖުމްލަ 54،454 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކަށް މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެއްޔެއްގައި މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ވިދާޅުވިއެވެ.
ސިޓީތަކާބެހޭ ވުޒާރާއިން ވަނީ އެކި ސަބަބުތަކާހުރެ މަސްދަޅު ކޭސް ނުނެގިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މަސްދަޅުކޭސް ނެގުމަށް މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ.
މިމަސައްކަތުގެ ދަށުން އެވުޒާރާގެ ޕަބްލިކް ވަރކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި) އަދި ހުޅުމާލެ ފޭސް 1އާއި، ފޭސް 2ގައި ހުންނަ މިފްކޯގެ ފިހާރައިން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނެ ކަމަށެވެ. ރޯދަ ހަދިޔާ ދޫކުރާނީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.