ތަރައްްޤީ

ލެޑް ޕާކުގެ އަންނަމަހުގެ ތެރޭގައި ހުޅުއްވުމަށް ތައްޔާރުވަނީ


މާލޭގެ ސިޓީ ޕާކްގައި ތަރައްޤީކުރައްވަމުން ގެންދަވާ ލެޑް ޕާކުގެ މަސައްކަތް ނިންމަވައި އަންނަމަހުގެ ތެރޭގައި ހުޅުއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ލެޑްޕާކް ފުރަތަމަ ޤާއިމުކުރައްވަނީ ސަލްޓަން ޕާކްގައި ނަމަވެސް ސަލްޓަންޕާކް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން އެ ޕާކް ބަންދުކުރެއްވުމާއެކު ލެޑްޕާކްގެ ލެޑް ގަސްތައް ވަނީ ސިޓީ ޕާކަށް ބަދަލު ކުރައްވާފައެވެ.

މާލޭ ސަލްޓަން ޕާކް، އާ ޕްލޭނެއްގެ ދަށުން ތަރައްޤީކުރެއްވުމަށް ނިންމެވުމާއެކު އެތަނުގައި ކުރިން އޮތް ހުޅުދާން ބަގީޗާ ނުވަތަ ލެޑްޕާކްގެ ގަސްތައް ވަނީ އެތަނުން ނަންނަގަވައި ސިޓީ ޕާކަށް ބަދަލުކުރައްވާފައެވެ. ސިޓީޕާކަކީ، ބައެއް ކެފޭ ރެސްޓޯރެންޓް ކުރިން ހިންގަމުން ދިޔަ ތަނެއް ނަމަވެސް ސަރުކާރުން އެޕާކް ހުސްކުރައްވައި، މިހާރުވަނީ، ސިޓީޕާކަކީ އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތް އުފާކޮށްލާ، ވަގުތު ހޭދަކޮށްލާނެ ހުސްބިމެއްގެ ގޮތުގައި، ނުވަތަ ޕާކެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމަވައި، އެކަމުގެ މަސައްކަތްވެސް ފައްޓަވާފައެވެ.

ސިޓީޕާކްގައި އަލުން ލެޑްޕާކް ތަރައްޤީ ކުރެވޭއިރު އެތަނަށް މިހާރުވަނީ ކަޅުއޮށްފުއްމީގެ ނަމޫނާއަށް ބަނދެފައިވާ އޮޑިވެސް ބަދަލުކުރައްވާފައެވެ. ކަޅުއޮށްފުއްމިއަކީ ރާއްޖެ އަޅުވެތިކޮށްގެން އެތައް އަހަރެއްވަންދެން ތިބި ޕޯޗްގީޒުންގެ އަތުން ރާއްޖެ މިނިވަންކުރުމަށް އުތީމު 3 ބެއިން ކުރެއްވި މަތިވެރި ޖިހާދުކުރުމަށް ގެންގުޅުއްވި އޮޑިއެވެ. މިއޮޑީގެ ނަމޫނާއަށް ބަނދެފައިވާ އޮޑި މިޕާކްގައި ބާއްވާފައިވާއިރު މިޕާކުން ކަޅުއޮށްފުއްމިއާބެހޭ މަޢުލޫމާތުތައްވެސް ލިބެން ހުންނާނެއެވެ.

ހޯމް މިނިސްޓަރުގެ ނާއިބް އަޙުމަދު ސަލީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ލެޑްޕާކް އަލުން ހުޅުވާއިރު މިޕާކުން ދުނިޔޭގެ މިފަދަ އެހެނިހެން ލެޑްޕާކްތަކުގައި ހުންނަފަދަ ކަންތައްތަކެއް ފުރިހަމަ ކުރައްވުމަށްފަހު ހުޅުވުން ކަމަށެވެ.

ސިޓީ ޕާކްގައި ލެޑްޕާކް އަލުން ހުޅުވާއިރު މިއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް ހުސްޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބޭ ކުރިއެރުމެއްގެ އިތުރުން މިއީ މާލޭގެ ރީތިކަމަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ތަނެކެވެ.