އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ ޤާނޫނުއަސާސީގެ ހަތާވީސްވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ ޙައްޤު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމާއި، ޤާނޫނުއަސާސީގެ ތެއްތިރީސްވަނަ މާއްދާގެ ދަށުން ލިބިދޭ އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ސަރުކާރު ހިންގާ ޕާރޓީގެ މެންބަރަކު ހުށަހަޅުއްވާފައިވާ ބިލެކެވެ. މިބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާއަށްފަހު މަޖިލީހުގައި މިހާރު ކުރިއަށްދަނީ މިކަމަށް އެކުލަވާލެއްވި ކޮމެޓީއަކުން ބިލް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާއިރު މިބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް ފުރުޞަތު ދެއްވުމަށްފަހުއެވެ. އެ ކަމުގެ ސުންގަޑި ހަމަވާނީ މިމަހުގެ ފަނަރަވަނަ ދުވަހުގެ މެންދުރު ބާރައިގެ ނިޔަލަށެވެ.ބިލް ދިރާސާކުރުމުގެ މަސައްކަތް އެކަމަށް ޚާއްޞަކޮށް ހޮއްވެވި ކޮމިޓީއަކުން ކުރިއަށްގެންދަވާއިރު، އެކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުން ޙާޟިރުކޮށް އެބޭފުޅުންގެ ލަފަޔާއި ހިޔާލުތައް ހޯއްދަވައިގެނެވެ. އެގޮތުން އަބުރުރައްކާތެރިކުރުމުގެ ބިލަށް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ މީޑިއާގެ ހުރިހާ ފަރާތަކަށް ކަހަލަ ގޮތަކަށް ކޮމިޓީއަށް ޙާޟިރުވާން ވަނީ ދަޢުވަތު ދެއްވާފައެވެ.
މިއަދު ބޭއްވެވި ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން ޕީއެސްއެމްގެ ވެރިންނަށް ފުރުޞަތުދެއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ މިއީ ރާއްޖެ ފަދަ އިސްލާމީ މުޖްތަމަޢުއަކަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ބިލެއްކަމަށެވެ. އަދި މިބިލުގެ ސަބަބުން ޤާނޫނުއަސާސީން ދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް އެއްވެސް އުނިކަމެއް އަންނާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް މަނިކު ވިދާޅުވިއެވެ. ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ކުރިއަރަމުން އަންނަ އެއްވެސް ޑިމޮކްރެޓިކް މުޖްތަމަޢެއްގެ ނިޒާމް އެޤައުމެއްގެ ރައްޔިތުންގެ އަބުރުކަތިލެވޭ ގޮތަށް ބައްޓަން ނުކުރާކަމަށެވެ.
img:http://s3.psmnews.mv/images/660x400/14593256601131.jpg|ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް / ފޮޓޯ: ޕީއެސްއެމް ފައިލް
ޚަލީލްގެ ވާހަކަފުޅުގައި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރާނަމަ މީހެއްގެ އަބުރާ ނުބެހޭނެކަމަށާއި، ނަމަވެސް މީހެއްގެ އަބުރާ ބެހިފިނަމަ އެކަމުގެ އަގު ދައްކަންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އަބުރާ ބެހުމާ ހިޔާލު ފާޅުކުރުމަކީ ތަފާތު ދެ ކަމެއްކަމަށް ޙަލީލް ވިދާޅުވިއެވެ. ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ ދިވެހިރާއްޖޭގައި އަބުރާ ބެހުމުގެ މައްސަލައަކީ ދިގު ތާރީޚެއް އޮތް ކަމެއްކަމަށާއި، މާޒީވެދިޔަ ހުރިހާ ސަރުކާރުންތަކުން މިކަމަށް މަސައްކަތް ކުރެއްވިނަމަވެސް ނަތީޖާއެއް ނުނެރެވި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ.
ޕީއެސްއެމްގެ ގަވަރނިންގެ ބޯޑުގެ އިސްބޭފުޅުންގެ އިތުރުން، ރާއްޖޭގެ ބައެއް އެހެން މީޑިއާތަކާއި މީޑިއާތައް ރެގިއުލޭޓްކުރުމަށް ޤާނޫނުން މަތިކޮށްފައިވާ ބައެއް މުއައްސަސާތައްވެސް މިކޮމިޓީއަށް އެކި ގަޑިތަކުގައި ގެންދަވަނީ ޙާޟިރުކުރައްވަމުންނެވެ.