ނ. މަގޫދޫގެ ތަރައްޤީއަށް ރާވާފައިވާ ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި މަގޫދޫއަށް ވަޢުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ވިދާޅުވީ ފާއިތުވި ތަނުގައި މަސައްކަތްކުރެއްވީ ރަށްރަށުގެ މަޝްރޫޢުތައް ފެށުމަށް ތަރުތީބުކުރެއްވުމާއި، ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެގޮތްތައް ހޯދުމަށްކަމަށެވެ. އެގޮތުން މަޝްރޫޢުތައް ކުރިއަށްދާނެ މަގުތައް ފަހިކޮށްފައިވާކަމަށާއި، ދެން އޮތީ ޢަމަލީގޮތުން ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިއުންކަމަށް ރައީސް ވިދާޅުވިއެވެ.
މަގޫދޫގެ ފެނާއި ނަރުދަމާ އޮތީ ސަރުކާރާއި ހަވާލުވިއިރު، ހުއްޓިފައިކަން ފާހަގަކުރައްވަމުން ރައީސްވަނީ މިހާރު އެ މަޝްރޫޢު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާކަމަށާއި، މަޝްރޫޢޫއަށް ތަކެތި ހޯދައި ބާރަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވެފައެވެ.
މީގެ އިތުރުން ސިއްޙީ މަރުކަޒުގެ އައު ޢިމާރާތެއް އެޅުމަށް ވެފައިވާ ވަޢުދުގެ ދަށުން ޓެންޑަރ މަރުހަލާނިމިފައިވާތީ ދެހަފްތާގެ ތެރޭގައި މަޝްރޫޢު ހަވާލުކޮށް ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުގެ މަރުކަޒުގައި މުވައްޒަފުންގެ ދަތިކަން ހުރުމާއެކު ވަރަށް އަވަހަށް އެތަނަށް ބޭނުންވާ އިތުރު މުވައްޒަފުން ހޯދައި ދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ ވަޢުދުތައް ދެމަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައެވެ.
"މިރަށުގެ ސިއްޙީ ޚިދުމަތް އަޅުގަނޑު ވަޢުދުވީގޮތަށް ފުއްދިގެންދާނެކަމުގެ ޔަޤީންކަން ދެން. އަދި ސްކޫލަށް ބަލާއިރު ހުރިހާ ގޮތަކުންވެސް ޖާގަ ދަތި. އަޅުގަނޑު ވަޢުދު ވީން މައްސަލަ ހައްލުކޮށްދޭނެކަމަށް. އެހެންވީމަ ސެޕްޓެމްބަރު މަހު ސޮއިކުރާ އެއްބަސްވުންތަކުގައި ސްކޫލަށް ސްޓާފްރޫމާ ކްލާސްރޫމާއި އެކަށީގެންވާ ޖާގަ އިތުރުކޮށް ވަސީލަތްތައް ހަމަކޮށްދިނުމަށް ސްކޫލް މަޝްރޫޢު ކުރިއަށްގެންދާނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން ކުރިއަށް ގެންދާނީ މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީކުރުމާއެކުގައިކަމަށާއި، އެމަޝްރޫޢުގެ އެއްބަސްވުމުގައި އަންނަ މަހު ސޮއިކޮށް، ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރު މަހު މަގޫދޫގައި ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ދެން މަގޫދޫއަށް ވަޑައިގަންނަވާނީ އެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށްކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.