ޚަބަރު

ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!


  • އަލްނަސްރު އޮތީ ތާވަލުގެ ދެވަނައިގައި

ކެރިއަރުގައި އެއްހާސް ލަނޑު ހަމަކުރަން އަމާޒު ހިފާފައިވާ ކްރިސްޓިއާނޯ ރޮނަލްޑޯ އޭނާގެ 979 ލަނޑާއެކު ސައުދީ ޕްރޯ ލީގުގައި އަލް-ނަސްރަށް އަނެއްކާވެސް މޮޅެއް ހޯދައިދީފިއެވެ.

ރޮނަލްޑޯ ކެރިއަރުގެ 979 ވަނަ ގޯލް ޖެހީ ސައުދީ ޕްރޯ ލީގުގައި އަބްހާ ކޮޅަށެވެ. 2-1 ން އަލް-ނަސްރު މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީ ރޮނަލްޑޯއެވެ. އެންޖެލޯ ގަބްރިއެލް ނަގައިދިން ހުރަސް 22 ވަނަ މިނިޓްގައި ރޮނަލްޑޯ ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލާފައެވެ. ދެވަނަ ހާފްގައި ލީޑް ފުޅާކޮށްދިނީ އަލް ހަމްދާން އެވެ. އެކަމަކު މެޗު ނިމުމުގެ ކުރިން އަބްހާއިން ފަރަގު ކުޑަކުރިއެވެ. އެޓީމުން ފަރަގު ކުޑަކުރީ ނާބިލް ފެކިރު 75 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ.

މިމޮޅާއެކު އަލް-ނަސްރު އޮތީ ހަ މެޗުން 15 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އަލްހިލާލް އޮތީވެސް 15 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ.