ޚަބަރު

"އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން"


  • ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރޭ

  • މާކެޓް ފުޅާކުރަން ދަނީ މަސައްކަތްކުރަމުން

އަމާޒަކީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ، އެމްއެސްޑީގެ މޮބައިލް އެޕްލިކޭޝަން އަންނަ އަހަރު ތަޢާރަފްކުރުންކަމަށް އެ ކުންފުނީގެ ސީއީއޯ ނޫރުބާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްއެސްޑީގެ ސީއީއޯ ނޫރުބާން އެފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި، ސްޓޮކް އެކްސްޗޭންޖާއި ޑިޕޮސިޓަރީގެ 5 އަހަރުގެ ތަސައްވަރާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ، އެމްއެސްޑީގެ ސީއީއޯ ނޫރުބާން ފަހުމީ ވިދާޅުވީ ކުންފުނީގެ ޚިދުމަތްތައް އަވަހަށް ލިބުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެމްއެސްޑީގެ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކުރުމަކީ ޓްރޭޑިންގެ ގަނެވިއްކުމުގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރާނެކަމެއްކަމަށާއި، އެކަމުގެ ސަބަބުން އިންވެސްޓަރުން ހޯދުމަށް ފަސޭހަވާނެކަމަށް ނޫރުބާން ވިދާޅުވިއެވެ.

މީގެއިތުރުން، ނޫރުބާން ވިދާޅުވީ 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ އެއް މަޤްސަދަކީ އެ ކުންފުނީގެ އިންފްރާސްޓްރަކްޗަރ ރަނގަޅަށް ބިނާކުރުންކަމަށެވެ. އެމްއެސްޑީއިން މަސައްކަތްކުރަނީ ކުންފުނީގެ އަމިއްލަ މުވައްޒަފުން މެދުވެރިކޮށް، ޓެކްނޮލޮޖީގެ އެހީގައި މާރކެޓަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށް ނޫރުބާން ވިދާޅުވިއެވެ. މާކެޓްގައި ހަރަކާތްތެރިވާ އިންވެސްޓަރުންނާއި ކުންފުނިތަކަށް އެމްއެސްޑީއަށް ފަސޭހައިން ވާސިލްވެވޭނެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިސްކަންދެއްވާކަމަށް ނޫރުބާން ވިދާޅުވިއެެވެ.

"މި އަހަރު ވަކިން ޚާއްސަކޮށް ބިންގާ އެޅިގެންދާނީ އެންޑް ޓު އެންޑް އިންވެސްޓަރއަށް އޮޓޮމޭޓަރއަށް ވަރަށް ބޮޑެތި މަސައްކަތްކުރުމަށް." މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ ސީއީއޯ ނޫރުބާން ފަހުމީ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ޑޮލަރު ހޯދުމުގެ ދަތިކަމާއި، ވިޔަފާރިތަކަށް ފަންޑުހޯދުމާއި، ސަރުކާރުގެ ދަރަނިދެއްކުމަށް އިތުރު ވަސީލަތްތަކެއް ބޭނުންވާކަމަށް ނޫރުބާން ވިދާޅުވިއެވެ. އެހެންކަމުން ހަމައެކަނި ބޭންކްތަކަށް ބަރޯސާވެގެން ކުންފުނިތަކާއި ވިޔަފާރިތައް ތަރައްޤީކުރުމުގެ ބަދަލުގައި، ފައިނޭންސިންގެ އިތުރު ގޮތްތަކެއް ހޯދަންޖެހޭކަމަށް ނޫރުބާން ވިދާޅުވިއެވެ. އެގޮތުން ގެންނަ ބަދަލުތަކަކީ ދެމެހެއްޓެނެވި ބަދަލުތަކަށްވާންޖެހޭކަމަށްވެސް ނޫރުބާން ވިދާޅުވިއެވެ. ނޫރުބާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި މާކެޓް އިތުރަށް ފުޅާކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.

"ވަކިން ޚާއްސަ ވިސްނުންތަކެއް ވިސްނާފައި ހުންނާނެ. މިސާލަކަށް ތިމާވެއްޓާ ރައްކާތެރި ޕްރޮޖެކްޓްތަކަށްވެސް ފައިސާ ހޯދޭނެ ގޮތް ހަމަޖެއްސުން. މިއީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ކުރިއަރަމުންދާ ވަސީލަތްތަކެއް." މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ ސީއީއޯ ނޫރުބާން ފަހުމީ ވިދާޅުވިއެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އެމްއެސްޑީއަކީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި ހިއްސާ އަދި ބޮންޑު ފަދަ ސެކިއުރިޓީޒްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މުއާމަލާތްތައް ކްލިއަރކޮށް ސެޓްލްކުރުމުގެ މައިގަނޑު ޒިންމާ އުފުލާ މުއައްސަސާއެވެ. މިއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އެމްއެސްއީގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.