ޚަބަރު

ގަވާއިދާއި އުސޫލުތަކަށް ކޮންމެ ފުލުހަކު އަހުލުވެރިވުމަށް ކޮމިޝަނަރ ގޮވާލައްވައިފި


  • ރަނގަޅު ގޮތުގައި ޚިދުމަތުގައި ދެމިހުންނަ މުވައްޒަފަކާމެދު ނުހައްގުން ފިޔަވަޅެއް ނޭޅޭނެ

  • ޝަރަފުތައް ލިބުމަށްފަހު، އަޚުލާގީ މައްސަލަތަކުގައި ހާޒިރުވާންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގަވާއިދުތަކާއި އުސޫލުތަކަށް ކޮންމެ ފުލުހަކުވެސް އަމިއްލައަށް އަހުލުވެރިވެ، މުއައްސަސާގެ ޕްރޮފެޝަނަލް އަދި އަޚުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ގޮވާލައްވައިފިއެވެ.

ކޮމިޝަނަރ މިކަމަށް ގޮވާލެއްވީ އިސްކަންދަރު ބިލްޑިންގައި ފުލުހުންގެ ރޭންކުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ދިވެހި ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރު އެންމެ ގިނަ ގަވާއިދުތަކާއި އުސޫލުތަކާއި އެސްއޯޕީތައް ހަދައި، އަމަލުކުރަމުންދާ މުއައްސަސާއަކީ ދިވެހި ފުލުހުންގެ ޚިދުމަތް ކަމަށެވެ. އަދި އެ ޤަވާއިދުކަށް ކޮންމެ ފުލުހަކުވެސް އަހުލުވެރިވާންޖެހޭނެ ކަމަށެވެ. އެ ހުރިހާ ގަވާއިދުތަކަކީވެސް ފަސޭހައިން ބަލައިލެވެން ހުންނަ ތަކެއްޗަށްވާއިރު މުއައްސަސާއާ ގުޅުމަށްފަހު އެއިން އެއްވެސް ގަވާއިދެއް ނޭނގުމަކީ ފަރުދީގޮތުން އެއްވެސް މުވައްޒަފަކަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އިދާރީގޮތުން ކުރެވޭ ބައެއް ކުށްތަކާ ގުޅިގެން މުވައްޒަފުންގެ މައްސަލަތައް ބަލާއިރު ޤަވާއިދަށް އަހުލުވެރި ނޫންކަން ފާހަގަކުރެވޭ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

"ބައެއް ފަހަރު އިދާރީގޮތުން މުވައްޒަފުންނަށް ކުރެވޭ ބައެއް ކުށްތަކާ ގުޅިގެން އެކަންކަން ބަލާ ފަރާތްތަކުން ސުވާލުކުރުމުން، ގަވާއިދު ނޭނގޭ ކަމަށް ބުނެ ވަރަށް ފަސޭހައިން ޖަވާބުދޭ. މައްސަލަ ބަލާ ފަރާތްތަކުން ގަބޫލުކުރާނެ ހުއްޖަތެއް ނޫން އެއީކީއެއް. ފިޔަވަޅު އަޅަން ޖެހުމުން އަމަލުކުރާނީ ލިޔެވިފައި އޮތް އެއްޗަކަށް. މުވައްޒަފަށް އެކަން ނޭނގުމަކީ ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ސަބަބެއް ނޫން،" ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންނަށް ދިމާވާ އިދާރީ އަދި އެހެނިހެން މައްސަލަތަކުގައި މުއައްސަސާގެ އެތެރޭގެ ނިޒާމުގެ ބަދަލުގައި ބޭރުން ހައްލު ހޯދަން މަސައްކަތްކުރުމަކީ އިދާރީ ގޮތުން ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ބުއްދި އިސްކޮށް ހިކުމަތްތެރިކަމާއެކު މައްސަލަތަކަށް ހައްލު ހޯދުމަށް އެދިވަޑައިގެންނެވިއެވެ.

ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ފިޔަވަޅު އެޅުމުގެ ކަންކަން ހިންގަނީ ފުލުހުންގެ ޤާނޫނާއި އެތެރޭގެ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކުރައްވައި، ރަނގަޅު ގޮތުގައި ހިދުމަތުގައި ދެމިހުންނަ މުވައްޒަފަކާ މެދު ނުހައްގުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ ވަނީ ދެއްވާފައެވެ. އަދި ފުލުހުންނަކީ އަމަންއާންމު ބެލެހެއްޓުމާއި ޤާނޫނު ތަންފީޒުކުރުމުގެ ބޮޑު މަސްއޫލިއްޔަތު އޮތް ބަޔަކަށް ވީހިނދު، ކަންކަމުގައި ނުތަނަވަސްކަން އަންނަ ހާލަތްތަކުގައިވެސް ކެތްތެރިކަން އިސްކޮށް، އުސޫލުތަކާ ހިލާފުނުވުމަށާއި ބޭއަދަބީކޮށް ވާހަކަނުދެއްކުމަށް ކޮމިޝަނަރ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި އެރުވުނު އަޚުލާގީ ކުލައާއި މެޑަލްތަކަށް އިޝާރާތް ކުރައްވައި، ކޮމިޝަނަރ ވިދާޅުވީ އެއީ މުއައްސަސާއިން ފުލުހެއްގެ އަޚުލާގާއި ފެންވަރު ރަމްޒުކޮށްދޭ މަތިވެރި ޝަރަފެއްކަމަށެވެ. އެހެންވެ، އެފަދަ ޝަރަފުތައް ލިބުމަށްފަހު، އެއާ ނުގުޅޭ ފަދަ އަޚުލާގީ މައްސަލަތަކުގައި ހާޒިރުވާންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ޝަރަފުތައް އަނބުރާ އަތުލަންޖެހޭ ފަދަ ހާލަތަކަށް އެއްވެސް މުވައްޒަފެއްގެ އަމަލު ގޮސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި 400 އަށްވުރެ ގިނަ މުވައްޒަފުންނަށް އެކި ރޭންކްތަކުގައި މަގާމުގެ ކުރިއެރުން ދެވިފައިވާއިރު، 400 އަށްވުރެ ގިނަ ފުލުހުންނަށް އެކި ކުލައާއި މެޑަލް އަރުވާފައިވާ ކަމަށެވެ. އަދި 4 ގިންތިއަކުން 518 ފުލުހަކަށް ޚިދުމަތުގެ ހަނދާނީ ފިލާ ދިނުމަށް ނިންމައި އޭގެ ތެރެއިން ގިނަ ފަރާތްތަކަކަށް މިހާރު ފިލާ ހަވާލުކުރެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުވައްޒަފުންނަށް ހައްގުވާ ކުރިއެރުމާއި ޝަރަފުތައް ކުރިއަށް އޮތް ތަނުގައި ލަސްނުވެ، ދޭންޖެހޭ ވަގުތުގައި ވީހާވެސް ފުރިހަމައަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި މުއައްސަސާގެ މުވައްޒަފުންގެ ކިބައިން އަޚުލާގީ މައްސަލަތައް މަދުކޮށް، އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ހެދުމަށްޓަކައި ތަމްރީނުތަކާއި ޕްރޮގްރާމްތައް ހިންގަވާނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ޤާނޫނީ ވާޖިބު އަދާކުރުމުގައި އަޚުލާގު ރަނގަޅު، އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއްގެ ގޮތުގައި ދެމިތިބުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރެއްވިއެވެ.