ޚަބަރު

ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރ ގައިޑަކަށް ޝީނާ


  • ރަސްމީ ޓުއަރ ގައިޑް ފާސް ޙަވާލުކޮށްދެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފިއެވެ. މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ ސ. ފޭދޫ، ކަންމަތީގެ، ޢާއިޝަތު ޝީނާއެވެ.

ޝީނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި، މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ޝީނާއާ ބައްދަލުކުރައްވައި، ސަރުކާރުގެ ނަމުގައި މަރުޙަބާ ވިދާޅުވެ، ރަސްމީ ޓުއަރ ގައިޑް ފާސް ހަވާލުކޮށްދެއްވާފައެވެ.


ވެރިރަށް މާލެއަށާއި އެކިއެކި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓުއަރ ހަދައިދިނުމުގައި ރާއްޖެއާއި ބެހޭގޮތުންނާ އަދި އެ ޒިޔާރަތްކުރާ ރަށަކާބެހޭ ގޮތުން ތާރީޚީ، ސަގާފީ މަޢުލޫމާތު ދީ އަދި އެރަށަކުން ލިބެން ހުންނަ އެންމެހާ ޢާއްމު މައުލޫމާތާއި ޚިދުމަތްތަކާބެހޭ މަޢުލޫމާތު ދިނުމަށް ޓުއަރގައިޑުންނަކީ މުހިންމު ރޯލެއް އަދާކުރާ ފަރާތްތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، އިޤްތިޞާދީ ގޮތުންނާއި ފަންނީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިފަދަ ދާއިރާތަކުން ދިވެހި އަންހެނުން ކުރިއަރައިގެން ދިއުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.