ޚަބަރު

ޑްރަގް ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށް!


  • ޖަލު އަދަބުގެ އިތުރުން 100،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި

  • ބަންދު މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެއް

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސައެއްގައި ކުށް ސާބިތުވެ ދިވެއްސަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ އުމުރުން 49 އަހަރުގެ މުޙައްމަދު ޝަރީފްގެ މައްޗަށެވެ.

ޝަރީފްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ދައުލަތުން އުފުލާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގައި އަޑުއެހުމަށްފަހުއެވެ. މުޙައްމަދު ޝަރީފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ އޭނާ އިތުރުބަޔާ ގުޅިގެން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ އިންޓަލިޖެންސް މައުލުމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރުމުންނެވެ.

ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ އެކޮމޮޑޭޝަން އަދި މެއިންޓަނަންސް ބްލޮކްގައި ފޮރުވާފައި ހުރި 6.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކުރިއެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނު ތަނަކީ އެހެން މީހުން ވަދެ ނިކުމެ އުޅޭ ތަނަކަށްވީ ނަމަވެސް އެއީ މުހައްމަދު ޝަރީފްވެސް ވަދެ އުޅޭ ތަނެއްކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ. އަދި މަސްތުވާތަކެތި އަޅާފައި ހުރި ހޮޅިގަނޑެއްގެ އިތުރުން އެ ސަރަހައްދުން ފެނުނު މަސްތުވާތަކެތި ހޭކިފައި ހުރި ޑިޖަޓަލް ކައްޓާއަކުން ފެނުނު ފިންގަޕްރިންޓާއި އޭނާގެ ފިންގަޕްރިންޓް ދިމާވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ހުކުމުގައިވާގޮތުން މަސްތުވާތަކެތި އަޅާފައި ހުރި ފުޅިތަކާ އެއް ބްރޭންޑެއްގެ ފުޅިތަކެއް މުޙައްމަދު ޝަރީީފް ފިހާރައަކުން ގަނެގެންދާ މަންޒަރު ވީޑިއޯ ފުޓޭޖުން ފެނެއެވެ. ނަމަވެސް ދެން ހުރި ތަންތަނުން ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް މުހައްމަދު ޝަރީފްގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ވަނީ ނިންމާފައެވެ. މިއާއެކު އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

ނަމަވެސް އޭނާ މިހާތަނަށް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭނީ 23 އަހަރާ 6 މަސްދުވަހާއި 22 ދުވަހުގެ ހުކުމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޖޫރިމަނާގެ ފައިސާ ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.