ޚަބަރު

"ޤުރުއާނަށް އޮންނަ ލޯބި އެގޮތުގައި ދަމަހައްޓަންޖެހޭ"


  • ކީރިތި ޤުރުއާން އަންނަން އޮތް ޖީލަށް އުންގަންނައި ދިނުމަކީ އެންމެންގެ ޒިންމާއެއްކަމަށް ވިދާޅުވި

  • ނަތީޖާއަށް ވުރެ ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮތް ލޯބި ދެމެހެއްޓުމަށް ގޮވާލެއްވި

ކީރިތި ޤުރުއާނާއި އޮންނަ ގުޅުމަކީ ވަކި މުބާރާތަކާއި ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށާއި، މުބާރާތަށްފަހުވެސް ޤުރުއާނަށް ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ބާރުއަޅުއްވައި ގޮވާލެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ބިނާ ކުރެއްވީ ޤުރޫއާނުގެ ޢިލްމު އުނގެނުމުގެ މުހިންމު ކަމަށެވެ. އެމަނިކުފާނު ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ ޤުރުއާނުގެ ޢިލްމު އުންގުނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނަވާ ބޮޑުވަމުން އަންނަ ޖީލަކީ ޤުރުއާނާ ނުހަނު ގާތް ބަޔަކު ކަމަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤުރުއާން މުބާރާތަކީ ވަނަތަކެއް ހާސިލް ކުރުމުގެ މަޤްޞަދުގައި އެކަނި ބާއްވާ މުބާރާތެއް ނޫންކަން ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ދަރިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރުކޮށް ތަޖުވީދުގެ ހަމަތަކަށް އަހުލުވެރި ހުނަރުވެރި ޖީލެއް ބިނާކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މުބާރާތުގެ ބައިވެރިންނަށް ޤުރުއާނާ އޮންނަ ގުޅުން މުބާރާތަށްފަހުވެސް މެދުކަނޑާނުލުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"މުބާރާތް ނިމުމަށް ފަހުވެސް ޤުރުއާން އުނގެނުމުގައި ދެމިތިބުމަކީ މުހިންމު ކަމެއް. ތިޔަ ކުދިންގެ ޢަމަލުތަކާއި ސުލޫކަކީ ޤުރުއާނުގެ ޢިލްމުގެ އަލީގައި ބައްޓަންވެފައިވާ ރިވެތި ސިފަތަކަށް ހަދައި ޤައުމާއި މުޖްތަމަޢުއަށް އިސްކަންދޭ ސިފަތަކަށް ހަދަންވާނެ. މުބާރާތް ފެށުމާއި ހަމައަށް ދަރިން ގެނެސްދިނުމުގައި ބެލެނިވެރިންނާއި ޤުރުއާން މުދައްރިއްސުން ވެވަޑައިގެންނެވި ޤުރުބާނީ އަކީ އަގުނުކުރެވޭ ފަދަ ޤުރުބާނީއެއް. މުބާރާތް ކުރިއަށްދާއިރު މިކުދިންނަށް ހިތްވަރުދީ ނަތީޖާއަށް ވުރެ ބޮޑަށް ކުދިންގެ ހިތްތަކުގައި ޤުރުޢާނަށް އޮތް ލޯބި ދެމެހެއްޓުމަށް ބާރުއެޅުއްވުމަކީ އަޅުގަނޑުގެ އިލްތިމާސެއް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން ޤުރުއާނުގެ ޢިލްމު އުންގަންނައި ދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ސަރުކާރުން ކުރައްވާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ހާފިޒުންނަށް ދޭ އިނާޔަތް އިތުރުކުރުމާއި، އަތޮޅުތަކުގައި ޤުރުއާނާބެހޭ މަރުކަޒުން އަދާކުރާ ދައުރު ފުޅާކުރުމާކީ ހޯދާފައިވާ ކުރިއެރުންތަކެއް ކަމަށެވެ. މިކަންކަމާއެކު 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް 89 ހާފިޒުން ސަނަދު ހާސިލް ކުރުމަކީ ޤައުމަށް ލިބިގެންދާ ނުހަނު ބޮޑު ފަޚުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމުގައި ސަރުކާރުން އިތުރު މަސައްކަތްތައް ކުރުމަށް ރޭވިފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ހުރިހާ މަސައްކަތެއްގެ އަމާޒަކީ އަޅުގަނޑުމެންގެ ދަރިންނަކީ ޤުރުއާނުގެ ހިޔަލުގައި ރަނގަޅަށް ތަރުބީއްޔަތުވާ ބަޔަކަށް ހެދުން ކަމަށް ވިދާޅުވެފައެވެ.