ރާއްޖޭގެ ތަރައްޤީގައި އިންޖިނިއަރުންގެ ދައުރު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން މިއަހަރު އަލަށް ދޭން ފެއްޓެވި އިންޖިނިއަރިން އެވޯޑްގެ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ އިންޖިނިއަރިންގެ ދާއިރާއަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އެވޯޑެކެވެ.
މި އެވޯޑު މިއަހަރު ލިބިވަޑައިގެންފައިވަނީ ޢަބްދުއްޝަކޫރު ސޯލިހު އާއި އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުހޫމް މުޙައްމަދު ރަޝީދަށެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ސޯލިހަކީ ކަރަންޓުގެ ޚިދުމަތުގެ ދާއިރާގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ޢަބްދުއްޝަކޫރު ވަނީ މެކޭނިކަލް އިންޖިނިއަރެއްގެ ހައިސިއްޔަތުން ޤައުމީ ފެންވަރުގައި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ވަސީލަތްތައް ތަރައްގީ ކުރުމާއި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި މުވައްޒަފުންގެ ކުރިއެރުމާއި ލާބަޔަށް މަންފާއަށް މަސައްކަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އަލްމަރުޙޫމް އަހުމަދު މަހުރީނަކީ ރާއްޖޭގެ އިންޖިނިއަރިން އަަދި އޭވިއޭޝަން އިންފްރާސްޓްރަކްޗަރ ދާއިރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ރީޖަނަލް އެއަރޕޯޓްސްގެ އިސް މަގާމުތައް ފުރުއްވާފައިވާ އަހުމަދު މަހުރީނަކީ ރާއްޖޭގެ އެކި ސދަރަހައްދުތަކުގައި ހިންގި ބޮޑެތި އުމްރާނީ މަޝްރޫޢުތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
އަލްމަރުހޫމް މުޙައްމަދު ރަޝީދަކީވެސް ރާއްޖޭގެ ކަރަންޓުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މި ދާއިރާއަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. މި މުއްދަތުގައި ސްޓެލްކޯގެ ޗެއަރމަންގެ މަޤާމާއި ސީއީއޯގެ މަޤާމު ވަނީ އަދާކުރައްވާފައެވެ. އަލްމަރުހޫމް މުޙައްމަދު ރަޝީދު ސްޓެލްކޯގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ޤައުމީ ފެންވަރުގައި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.