މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުތަކުގައި ހުޅުވައިފިއެވެ.
ވިނަރެސް 2 ނަންބަރު ޓަވަރުގެ ތިރީބައިގައި ހަދާފައިވާ މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ޗެއަރމަން ޢަބްދުﷲ ފާއިޒެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސްއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމްގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފިހާރަ ހުޅުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ އެމްޑީ މުޙައްމަދު އަނަސް ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވިނަރެސްގައި ހުޅުވުނު މި ފިހާރައިގެ ސަބަބުން މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެހެން ސިޓީތަކުގައިވެސް ފިހާރަތައް ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްއެބަދޭ. އަދި ޖުލައި މަހު ކަނޑުއޮތްގިރީގައި ހުޅުވި ހިކިމަސް ފެކްޓަރީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުފެއްދުންތައް ފޯރުކޮށްދިނުމުގައި ކުރިން ދިމާވި ދަތިތަކަށް ބޮޑު ހައްލެއް ލިބިފައިވޭ" މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް ވިދާޅުވިއެވެ.
މި ފިހާރައަކީ ހުޅުމާލޭ ފޭސް 2 ގައި މިފްކޯއިން ހުޅުވި ދެވަނަ ފިހާރައެވެ. މިއީ މުޅި ރާއްޖެއަށް ބަލާއިރު މިފްކޯގެ 6 ވަނަ މަސްފިހާރައެވެ.
މީގެ ކުރިން ހުޅުމާލޭގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވާފައިވަނީ ފޭސް 2 ގެ ހިޔާ 2 ވަނަ ޓަވަރުގައާއި، ފޭސް 1 ގެ ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައެވެ. މީގެ އިތުރުން މާލޭގެ ހިލާލީމަގާއި ނޯތު ހާބަރުގައި ފިހާރަތައް ހިންގަމުންދާއިރު، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ފުރަތަމަ ފިހާރަ މިއަހަރުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ.
މިރޭ ހުޅުވުނު އައު ފިހާރައިން މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މިދިޔަ މަހުން ފެށިގެން މިފްކޯގެ ފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ފިހާރައިންވެސް ހުކުރު ދުވަހު ޚިދުމަތް ދޭނެއެވެ. ހުކުރު ދުވަސްތަކަށް ޚާއްސަކޮށްގެން ތަފާތު އުފެއްދުންތައް ބާޒާރަށް ނެރެމުންދާއިރު، އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.
މިފްކޯގެ މިފަދަ މަޝްރޫޢުތަކުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދީ، ފެންވަރު ރަނގަޅު އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.