ޚަބަރު

ވެހިކަލް ރަޖިސްޓްރީ ކުރުން %74.6 ވަނީ ދަށްވެފައި: ވަޒީރު އަމީން


  • އަންނަ މަހުން 13 އިން ފެށިގެން ގަރާޖެއް ނެތި އެއްވެސް ވެހިކަލްއެއް ރާއްޖެ އެތެރެ ނުކުރެވޭނެ

  • ވެހިކަލް އެތެރެކުރުމުގެ މައްސަލަ މިހާ ހިސާބަށްގޮސްފައިވަނީ ޤާނޫނާއި ގަވައިދާ ހިލާފައް އެތައް ކަމެއް ހިނގާފައިވާތީ

ފާއިތުވި 2 އަހަރާއި އަޅާބަލާއިރު ވެހިކަލް ރަޖިސްޓްރީ ކުރި މިންވަރު %74.6 ދަށަށް ގޮސްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ ސަރަޙައްދަކީ ރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދެވެ. މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ. ތޮއްޖެހުމުގެ މައްސަލަ ބޮޑުވެގެންދިޔައީ މާލެއަށް ނުކަތާވަރަށް ވެހިކަލް ރަޖިސްޓްރީކުރުމާއި ހަލާކުވުމުން ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާ ވެހިކަލްތަކުގެ އަދަދުތައް އިތުރުވުމުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ސިޓިއެއްގައި ނުވަތަ ރަށެއްގައި ވެހިކަލް ގެންގުޅެވޭނެ އަދަދު ކަނޑައަޅާނީ އެތަނެއްގެ ސިޓީ ކައުންސިލުން ނުވަތަ ކައުންސިލުންކަމަށެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވެ މާލެ ސިޓީ ކައުންސިލާއި އެތައް ފަހަރަކު ވާހަކަދައްކައިގެންވެސް މާލޭގެ ކެރިން ކެޕޭސިޓީ ނުވަތަ އުޅަނދު ބޭނުންކުރެވޭނެ މިންވަރު އަދިވެސް ކަނޑަނޭޅޭކަމަށެވެ.

މިވަގުތު އެންމެ ބޮޑު މައްސަލައެއް ދިމާވެފައި ވަނީ މާލެ ސަރަހައްދުކަން ފާހަގަކުރައްވާ ވަޒީރު އަމީން ވިދާޅުވީ މާލޭ ސަރަހައްދުގެ ވެހިކަލް ލިމިޓެއްނެތި އެތެރެކުރުމުގެ މައްސަލަ މިހާ ހިސާބަށްގޮސްފައިވަނީ ޤާނޫނާއި ގަވައިދާ ޚިލާފަށް އެތައް ކަމެއް ހިންގުމަށް މީގެ ކުރިން ޖާގަ ދެވިފައި އޮތުމުންކަމަށެވެ.

އެހެންނަމަވެސް ޤާނޫނޫގެ ތެރެއިން މަސައްކަތް ކުރެވުނުނަމަ މާލޭގެ މައްސަލަ މިހާ ހިސާބަށް ނުދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޤާނޫނާއި ގަވައިދުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ވެހިކަލް ރަޖިސްޓްރީ ކުރާ މިންވަރު ބޮޑު ތަނުން މަދުކުރެވިފައިވާކަމަށެވެ.

"އަޅުގަނޑު ހަމަ ޔަޤީންކަމާއެކު މި ދަންނަވަނީ އަޅުގަނޑުމެން ސަރުކާރަށް އައި ފަހަކުންނެއް ޤާނޫނާއި ގަވައިދުތަކާއި ޚިލާފަށް އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ކުރެވޭނެ ޖާގައެއް ނުދެން. އަދި އެކަން އަޅުގަނޑު ހުރެގެން ވިޔަކަވެސް ނުދޭނަން. ނަންބަރުތަކަށް ބަލާއިރު 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ބަލާއިރު %74.6 ރެޖިސްޓްރޭޝަން ދައްވެފައި ވަނީ. އޭގެން އެނގެނީ ޤާނޫނާއި ގަވައިދު ހިފެހެއްޓީމަ އެކަންތައްތައް ރަނގަޅުވަމުންދާކަން." ވަޒީރު އަމީން ވިދާޅުވިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އަންނަ މަހުން 13 އިން ފެށިގެން ރަޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި އެއްވެސް ވެހިކަލެއް ރާއްޖެ އެތެރެ ނުކުރެވޭކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވެހިކަލް އެތެރެކުރާ ފަރާތްތަކުންވެސް އެތަކެތި ބަހައްޓާނެ ތަނެއް ހުންނަންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.