އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް މިއަދު ޖަޕާނުގައި ފަށާނެއެވެ. އެ ގައުމުގެ ނަގޯޔާ އާއި އެއިޗީގައި ފަށާ މުބާރާތް އަންނަ އޮކްޓޫބަރު މަހުގެ ހަތަރަކާ ހަމައަށް ކުރިއަށްދާނެއެވެ. ހުރިހާ ގޮތަކުން ވެސް މި ގޭމްސް ތަފާތުވާނެއެވެ.
އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ ކުރީގެ ގޭމްސްތަކުގައި އެތުލީޓުންނާއި އޮފިޝަލުން ތިބުމަށް ތައްޔާރު ކުރި އެތުލީޓް ވިލެޖް މި ފަހަރު އުވާލުމެވެ. ބަދަލުގައި ކުޅުންތެރިންނާއި އޮފިޝަލުން ބައިތިއްވަނީ ކުރޫޒް ލައިނާތަކާއި ކޮންޓޭނަރުތަކުގައި ތައްޔާރު ކޮށްފައިވާ ކޮޓަރިތަކުގައެވެ. މިއީ ހަރަދު ކުޑަ ގޭމްސްއެއް ބޭއްވުމަށް ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުން ގެނައި ބޮޑު ބަދަލެކެވެ.
ނަމަވެސް ތަފާތު ސަބަބުތަކާހުރެ ޖަޕާނުން އަންދާޒާކުރި ވަރަށްވުރެ ގޭމްސް އަށް ހިނގާ ޚަރަދު މިހާރު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. ޖަޕާނުން އެންމެ ފުރަތަމަ މި ގޭމްސް އަށް ކަނޑައެޅި 0.64 ބިލިއަން ޑޮލަރެވެ. ނަމަވެސް ކުޅިވަރުތައް ގިނަވެ އެތުލީޓުންނާއި އޮފިޝަލުންގެ އަދަދު އުފުލިގެންދިއުމުން މިހާރު އަންދާޒާ ކުރެވިފައިވަނީ ގޭމްސް ނިމޭއިރު ޖަޕާނުން މި ބޮޑު ގޭމްސް އަށް 2.38 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. މިއީ 1.74 ބިލިއަން ޑޮލަރުގެ އިތުރުވުކެވެ.
ދިވެހިރާއްޖެއާ ވެސް އެކު 45 ގައުމު ބައިވެރިވާ މި ފަހަރުގެ ގޭމްސްގައި 43 ކުޅިވަރެއް ކުޅޭނ އެވެ. މިއީ އެންމެ ފަހުގެ ގޭމްސް އަށްވުރެ 12 ކުޅިވަރު ގިނަ އަދަދެކެވެ. ގޭމްސްގެ ހުރިހާ ކުޅިވަރުތަކެއް ކުޅޭނީ ޖުމުލަ 54 ތަނެއްގައެވެ. އަލަށް އިތުރުކުރި މުހިންމު ކުޅިވަރުތަކުގެ ތެރޭގައި ފްރީސްޓައިލް ބީއެމްއެކްސް އާއި މިކްސް މާޝަލް އާޓްސް، ޕަޑެލް، ސާފިން، ޓެގްބޯލް، އަދި ވާޗުއަލް ޓައެކަވޮންޑޫ ހިމެނެއެވެ.
މިއަދު ގޭމްސް ފެށުމުގެ ކުރިން ވަނީ ބައެއް ކުޅިވަރުތައް ފަށައިފައެވެ. އޭގެ ތެރޭގައި ފުޓުބޯޅަ އާއި ވޮލީ އާއި ކްރިކެޓް ފަދަ ކުޅިވަރުތައް ހިމެނެއެވެ.
މިއީ ޖަޕާނުން އޭޝިއަން ގޭމްސް ބާއްވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުން އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވީ 1958ގައި ޓޯކިޔޯގައި އަދި 1994 ވަނަ އަހަރު ހީރޯޝީމާގައެވެ. ޖަޕާނަކީ އެންމެ ފުރަތަމަ ބޭއްވި އޭޝިއަން ގޭމްސް ކަމަށްވާ 1951ގެ ގޭމްސްގައި ބައިވެރިވި 11 ގައުމުގެ ތެރެއިން އެއް ގައުމެވެ.
މި ފަހަރުގެ ގޭމްސްގައި ޖަޕާނަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ބައިވެރިންގެ އަދަދު އިތުރުވުމުންނެވެ. ކުރިން ބެލެވުނީ ގޭމްސްގައި ބައިވެރިވާނީ 15000 ކަމުގައިވިޔަސް މިހާރު މިއަދަދު 17ހާހަށްވުރެ މަތިވާނެއެވެ. މީގެ ސަބަބުން ކުރިން އަންދާޒާކުރި ވަރަށްވުރެ ކޮންޓޭނަރު ކޮޓަރިތަކާއި ކުރޫޒް ލައިނާތައް ގިނަ ކުރަން ޖެހުނީ ކުއްލި ގޮތަކަށެވެ. ނަމަވެސް އެ ތަންތަނުގެ ފެންވަރާއި މޫނުދޮންނަތަށި ފަދަ ތަކެތިން ލީކުވުމާއި އެތްލީޓުންނަށްވުރެ އެނދުތައް ކުޑަވުން ފަދަ ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. މިކަންކަމަށް ޖަޕާނުން ދިނީ ފިނި ރައްދެކެވެ. އެ ގައުމުން ބުނީ މިކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިވަގުތު އެންމެ އިސްކަން ދެނީ ރަސްމީކޮށް އަންނަ މައްސަލަތަކަށް ކަމަށެވެ.
"ކުއްލިއަކަށް ބައެއް ކުޅިވަރުތައް އިތުރުވުމުން އެތްލީޓުންނާއި އޮފިޝަލުންގެ އަދަދު އިތުރުވުމުން އަހަރުމެންނަށް ވަނީ އެކޮމޮޑޭޝަންގެ މައްސަލަތައް ކުރިމަތިވެފައި. އެންމެން ބަލަހައްޓަން ވަރަށް ބޮޑަށް މިވަނީ ދަތިވެފައި،" ގޭމްސްގެ އޮގަނައިޒިން ކޮމިޓީގެ ޗެއާމަން ހިޑެއާކީ އަމޫރާ ވިދާޅުވި އެވެ.
ނަމަވެސް ކޮންޓޭނަރު ސްޓައިލްގެ ކޮޓަރިތަކުގެ މައްސަލަ ބޮޑުވުމުން މިހާރު ނިންމާފައިވަނީ ހޮޓާތަކުގައި ވެސް މީހުން ބޭތިއްބުމަށެވެ. މިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރީ ކްރިކެޓް ޓީމުތަކުންނެވެ. ދުނިޔޭގެ ކްރިކެޓް ގަދަ ބާރުތައް ކަމަށްވާ ޕާކިސްތާނާއި އިންޑިޔާ އާއި ސްރީލަންކާ އާއި ބަނގްލަދޭޝްގެ ފަދަ ގައުމުތަކުން އެކޮމޮޑޭޝަން ގޯސްވުމުން ގޭމްސް އަށް ސީނިއާ ޓީމު ނުފޮނުވާނެ ކަމުގެ އިޝާރާތް ދިނުމާއެކު ޖަޕާނުން ވަނީ ދޫދީފައެވެ. މިހާރު ނިންމާފައިވަނީ ބޭނުންވާ ބަޔަކު އަމިއްލަ ހަރަދުގައި ބޭނުންތަކެއް ތިބެވިދާނެ ކަމަށެވެ. ޖަޕާން ދެކޭ ގޮތުގައި އެންމެ އަވަސް އަދި ގޮންޖެހުންތަކަށް އޮތް ހައްލަކީ ޒިންމާ އަމިއްލަ އަށް ނަގަން ދޫކޮށްލުމެވެ.