ޚަބަރު

އުރުބާނީގެ އެސިސްޓަންޓަކަށް ސޮބާހް


  • ސޮބާހް ވަނީ މީގެ ކުރިން ޖޫނިއާ ޤައުމީ ޓީމުތަކާއެކު މަސައްކަތް ކޮށްފައި

  • ކުޅުންތެރިއެއްގެ ގޮތުގައި އުރުބާނީއާއެކު ސޮބާހް މަސައްކަތް ކުރި

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމުގެ ޒިންމާ ސޮބާހު މުހައްމަދު (ސޮބާ)އާ ހަވާލުކޮށްފައިވާ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ފުޓުބޯޅަ ޓީމުން ތިން މެޗު ކުޅުމަށް ވަނީ ނިންމާފައެވެ. އެއީ ޗައިނާގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗާއި، ކިރްކިސްތާންގައި އެގައުމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ކިރްކިސްތާންގައި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ތިން މެޗަށް ގައުމީ ޓީމުން ފަރިތަކުރުންތައް ހޮނިހިރު ދުވަހުގެރޭ ފަށާފައިވާއިރު، ފަރިތަކުރުންތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އުރުބާނީ ވަނީ އެނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ ސޮބާހްކަން ހާމަކޮށްފައެވެ.

އުރުބާނީ ބުނީ ސޮބާހް އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސަން ނިންމީ ގިނަ ކަންތައްތަކަކަށް ވިސްނުމަށްފަހުގައި ކަމަށެވެ. އެގޮތުން އޭނާއާއެކު، ގައުމީ ޓީމުގައި ކުޅުންތެރިއެއްގެ ގޮތުގައި ސޮބާހް މަސައްކަތް ކުރިކަން އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.

އުރުބާނީ ބުނީ ސޮބާހް ގައުމީ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި ގެނައި އެއް ބޭނުމަކީ މީގެ ކުރިން އުރުބާނީ ގައުމީ ޓީމުގައި ކޮށްފައި ހުރި މަސައްކަތްތަކުގެ ތަޖުރިބާ ސޮބާހްއަށް ލިބިފައިވުމުން އެކަން މިހާރުގެ ކުޅުންތެރިންނަށް ހިއްސާކޮށްދީ ރަނގަޅަށް ޓީމުގެ ކަންކަން ކުރިއަށް ގެންދަން ފަސޭހަވާނެތީ ކަމަށެވެ.

ސޮބާހް ވަނީ މީގެ ކުރިން އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަންވެސް އޭނާ ކޮށްފައިވެއެވެ.

ސޮބާހް ވަނީ ގައުމީ ޖާޒީގައި ކުޅުންތެރިއެއްގެ ގޮތުގައި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.