އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެންބަންދުކޮށް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީޚު 2030 ވަނަ އަހަރު ޖޫން މަހާއި ހަމައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަސްކުރައްވައިފިއެވެ. އެމަނިކުފާނު މި ބަދަލު ގެންނެވީ މިއަދު ނެރުއްވި ޚާއްސަ ޤަރާރަކުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް އިޞްލާޙު ގެންނަވައިފިއެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުންދޭ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ފުޅިތަކުގައި ފެން ބަންދުކޮށްގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ރާއްޖޭގެ ބާޒާރުގައި އެފަދަ ތަކެތި ވިއްކުން މަނާކުރާ ތާރީޚު ވަނީ ފަސްކުރައްވާފައެވެ.
ކުރިން އޮތްގޮތުން އެއް ލީޓަރާއި އެއަށްވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުން އަދި އުފެއްދުން މަނާވާނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ރައީސް ގެންނެވި އިސްލާހާއެކު މިބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާވާނީ 1 ޖޫން 2030 އިންން ފެށިގެންނެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓުވަނީ އިޞްލާޙުކުރައްވައިފައެވެ.
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން ޤަރާރަށް ގެންނެވި އިސްލާހުތައް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.