އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހޮޅި 2031 ޑިސެމްބަރު މަހާއި ހަމައަށް އުފައްދާ ވިއްކުމުގެ ހުއްދަ އަލުން ދޭން ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރީއްޔާ ޤަރާރަކުންނެވެ.
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ޕްލާސްޓިކް ހޮޅިތައް މަނާވެފައި އޮތް އޮތުން ހުއްދަކޮށް އެއްކޮށް މަނާވާ ތާރީޚް 2031 ވަނީ ފަސްކޮށްފައެވެ.
އެއްފަރަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި އެތެރެކޮށް އުފައްދާ އަދި ވިއްކާ ތާރީޚަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން މި ޕްލާސްޓިކް ހޮޅިތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވަނީ 2021 ވަނަ އަހަރު ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ބާވަތުގެ ހޮޅި އުފައްދާ އަދި ވިއްކުން މަނާކޮށްފައިވަނީ، 19 ޑިސެމްބަރ 2022 ގައެވެ.
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ އެއްވަނަ ނަންބަރަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން އައި ބަދަލުގައި މި ތާރީޚުތައް ފަސްކޮށްފައިވެއެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މިހާރު މަނާވާ ތާރީޚަކީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިތަކެތި އުފައްދައި ވިއްކުން މަނާކުރުމަށް ކަނޑައަޅާފައިވަނީ 2031 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
މި ބަދަލު ގެނެސްފައިވަނީ މިހާރު ބޭނުންކުރަމުންދާ ކަރުދާސް ހޮޅިތަކާ ގުޅޭގޮތުން އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތައް އަޑުއަހައި ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ބަދަލެއް މާކެޓަށް ގެނައުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ބަދަލާއި ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ވުޒާރައިން ވިދާޅުވީ މި ބަދަލު ގެނައީ މިހާރު ބާޒާރުން ލިބެންހުރި ހޮޅި ބޭނުންކުރުމުގައި އެކި ކަހަލަ ދަތިތައް އާންމުންނަށް ކުރިމަތިވާކަން ފާހަގަވެފައިވާތީކަމަށެވެ. އަދި ކަރުދާސް ހޮޅި ބޭނުންކުރުމުގައި ޞިއްޙީ ކަންބޮޑުވުންތައް ފާހަގަކުރެވިފައިވާތީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި މަނާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު 2031 ވަނަ އަހަރަށް ފަސްކުރީ ކަމަށް އެވުޒާރައިން ވިދާޅުވިއެވެ.
ޕްލާސްޓިކް ހޮޅިތައް 2022 ވަނަ އަހަރު އޭރުގެ ސަރުކާރުން މަނާކުރީ، ޕްލާސްޓިކް ހޮޅީގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ސަބަބުންނެވެ.