ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތަކެއް ހުރެދާނެ ކަމަށް ކުރެވޭ އުއްމީދަކީ ހަމައެކަނި ހިޔާލީ ވާހަކައެއް ނޫނެވެ. މީގެ ދިހަ އަހަރު ކުރިން، 2014 ވަނަ އަހަރު ޖަރުމަނުވިލާތުގެ ޔުނިވަރސިޓީ އޮފް ހެމްބަރގުން ރާއްޖޭގެ ސަރަޙައްދުގައި ކުރިއަށްގެންދިޔަ ސައިންޓިފިކް ދިރާސާއަކުން ވަނީ ވަރަށް މުހިންމު ކަމެއް ހާމަކޮށްފައެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި، ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމުގެ ފަށަލަތަކުން "ފްލުއިޑް ނުވަތަ ގޭސް" ބޭރުވަމުންދާކަމުގެ ޖިއޮލޮޖިކަލް ސާފު ހެކިތަކެއް ވަނީ ފެނިފައެވެ.
މިއީ މި ސަރަޙައްދުގައި ހަކަތައިގެ މުއްސަނދިކަން ހުރެދާނެ ކަމަށް އިލްމީ ގޮތުން ލިބުނު އެންމެ ބޮޑު އެއް ހެއްކަށްވީހިނދު މިކަމަކަށް މީގެ ކުރީ ސަރުކާރުތަކުން މި ސިއްރުތައް ހޯދައި، ރާއްޖޭގެ ކަނޑުފަޅުގެ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިކަމާގުޅޭގޮތުން ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވުނުކަމުގައިވީނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައެއްނުވެއެވެ. އެހެން ނަމަވެސް އަދުގެ ސަރުކާރުން މިވަނީ މިކަމަށްވެސް މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ.
މިދިޔަ ހޯމަ ދުވަހު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެލޭޝިޔާގެ ސަރުކާރު ހިއްސާވާ ދުނިޔޭގެ މަޝްހޫރު ހަކަތަ ކުންފުނި "ޕެޓްރޯނަސް" މެދުވެރިކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ތެލާއި، ގޭސް އަދި ބިމުއަޑީގެ އަގުހުރި މައުދަންތައް ހޯދުމުގެ ދިރާސާތައް ކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ.
"ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި މަތީ ފަންތީގެ ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ ކަނޑުއަޑިން ތެތެލާއި، ގޭސް އަދި ބިމުއަޑީގެ އަގުހުރި މައުދަންތައް ހޯދުމުގެ ދިރާސާތައް ކޮށްދިނުމަށް ޕެޓްރޯނަސްއާ ވާހަކަދެއްކެވުމަށް އެދިވަޑައިގަތް. ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ ތެރެއިން، މި ދާއިރާއިން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ޕެޓްރޯނަސްގެ އިސްވެރިންނާ އަޅުގަނޑު ސީދާ މަޝްވަރާކުރައްވާނަން." މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވިއެވެ.
ޕެޓްރޯނަސްއަކީ ހަމައެކަނި ދެކުނު އިރުމަތީ އޭޝިއާގައި ހަރަކާތްތެރިވާ ކުންފުންޏެއް ނޫނެވެ. އެއީ ދުނިޔޭގެ އެކި ބައްރުތަކުގައި ކަނޑުއަޑީގެ ވަސީލަތްތައް ހޯދުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މިކަން ފާހަގަކުރައްވަމުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ކެނެޑާއިން ފެށިގެން އޭޝިއާގެ ތުރުކުމެނިސްތާނާއި، އެފްރިކާގެ ސޫދާން އަދި ދެކުނު އެމެރިކާގެ ސުރިނާމް، ޕެރޫ އަދި ބްރެޒިލް ފަދަ ޖިއޮގްރަފީގެ ގޮތުންނާއި މޫސުމީ ގޮތުން ތަފާތު ގައުމުތަކުގައި ޕެޓްރޯނަސްއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން، މެލޭޝިއާއާ އަވަށްޓެރި، އަދި އެއް ސަރަޙައްދެއްގައި އޮތް ދިވެހިރާއްޖެއަށް އައިސް މިފަދަ ދިރާސާތަކެއް ކުރުމަކީ އެ ކުންފުންޏަށް އެއްވެސް ދަތިކަމެއް ނެތި ކުރެވިދާނެ ކަމެއް ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ. އަދި މި ވާހަކަފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މަޖާޒީ ގޮތެއްގައި، ރާއްޖޭގެ ރީތި ކަނޑުތަކުގައި ދިރާސާކުރަމުން ޕެޓްރޯނަސްގެ ޓީމުތަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ރަން ފުރުސަތެއްވެސް ލިބިގެންދާނެ ކަމަށް ވިދާޅުވެ، މާހައުލަށް ލުއިކަމެއް ގެނެސްދެއްވާފައެވެ.
މި މަޝްރޫއަކީ އުއްމީދުން ފުރިގެންވާ ވާހަކައަކަށް ވީނަމަވެސް، ފަންނީ އަދި އިދާރީ ގޮތުން ބަލާއިރު މި މަސައްކަތް އަދި އޮތީ މުޅިން ތަޞައްވުރީ އަދި މަޝްވަރާގެ އެންމެ ކުރީކޮޅުގެ މަރުޙަލާގައެވެ. ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި ތެޔޮ ނުވަތަ މަޢުދަން ހޯދުމުގެ އެއްވެސް ޤާނޫނީ އެއްބަސްވުމެއްގައެއް ސޮއެއް ނުކުރެވެއެވެ.
މީގެ އިތުރުން، ދިރާސާ ކުރާނެ ވަކި ސަރަޙައްދުތަކެއް ކަނޑައެޅިފައެއް ނުވާ ފަދައިން، މާލީ ގޮތުން ކުރަންޖެހޭ އެއްވެސް އިލްތިޒާމެއްވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ހަމައެއާއެކު، ޕެޓްރޯނަސްގެ ފަރާތުންވެސް މި މަސައްކަތާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް، ސާވޭ ޕްލޭނެއް، އިންވެސްޓްމަންޓް ޢަދަދެއް ނުވަތަ ވަކި ތާވަލެއް އަދި މިހާތަނަށް ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.
ކަނޑުގެ އަޑީގެ ވަސީލަތްތައް ހޯދުމަކީ ހަމައެކަނި ދިރާސާއަކުން ނިމޭ ކަމަކަށް ނުވާތީ، ދިވެހި ދައުލަތުން މިހާރު ދަނީ އެކަމަށް ބޭނުންވާ ޤާނޫނީ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނުކުރި ގޮތުގައި، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައިވާ ދިރުމެއް ނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި، ނެގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މި ނިންމެވުމުގެ ދަށުން އެކުލަވާލަން ފަށާފައިވާ ޚާއްސަ ބިލުގައި މައިގަނޑު ތިން ކަމަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކަނޑުގެ އަޑިން ވަސީލަތްތައް ހޯދުމަށާއި ނެގުމަށް ދޫކުރާނެ ހުއްދަތައް ނުވަތަ ޕާމިޓްތައް ދިނުމުގެ އުސޫލާއި، އެގޮތަށް ނަގާ އެންމެހައި ވަސީލަތްތަކުގެ މިލްކުވެރިކަމާއި ޙައްޤުތައް ކަނޑައެޅުމުގެ އިތުރުން، މުޅި މި ބޮޑު ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ރެގިއުލޭޓްކޮށް، ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއްވެސް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިފަދަ ބޮޑު ސިނާއަތެއް ގާއިމުކުރުމުގެ ކުރިން އަޅަންޖެހޭ އެންމެ މުހިންމު ޤާނޫނީ ބިންގަލެވެ.
ކޮންމެއަކަސް ދިވެހިރާއްޖޭގެ ކަނޑުއަޑިން ތެލާއި ގޭސް ހޯދުމަކީ ދިވެހިން ދެކެމުން އަންނަތާ އެތައް ޒަމާނެއްވީ ހުވަފެނެކެވެ. ޕެޓްރޯނަސް ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރު ކުންފުންޏެއްގެ އެހީތެރިކަމާއެކު، ސަރުކާރުން ފަށަން މި އުޅޭ ދަތުރަކީ ކާމިޔާބު ދަތުރަކަށް ވެއްޖެނަމަ، މިއީ ރާއްޖޭގެ އިގުތިސާދީ މިނިވަންކަމަށާއި މުސްތަގުބަލަށް އަންނާނެ ތާރީޚީ ބޮޑު ބަދަލަކަށް ވާނެއެވެ. ނަމަވެސް، މި މަސައްކަތް ހަގީގަތަކަށް ހެދުމަށްޓަކައި އަދި ގިނަ ދިރާސާތަކާއި، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމީ ހަގީގަތެވެ.