މިއަދަކީ "ވޯލްޑް ފުޓްބޯލް ޑޭ" ނުވަތަ ދުނިޔޭގެ ފުޓްބޯޅައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ފާއިތުވެދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހެވެ. މިދުވަސް ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހުގެ ގޮތުގައި ޚާއްސަކުރެވިގެންދިޔައީ މިތާރީޚަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް އެކި ބައްރުތައް ހިމެނޭހެން ފުޓުބޯޅަ މެޗެއް ކުޅެވުނު ދުވަސްކަމަށްވާތީއެވެ. 1924 ވަނަ އަހަރުގެ މެއިމަހުގެ 25 ވަނަ ދުވަހު ޕެރިހުގައި ކުރިއަށްދިޔަ ހޫނު މޫސުމުގެ އޮލިމްޕިކްގެ ތެރެއިން ކުޅެވުނު ފުޓުބޯޅަ މުބާރާތާއެކު މިކުޅިވަރު ވައިގަ ހިފިއެވެ. އަދި 2024 ވަނަ އަހަރާއެކު މިމުބާރާތަށް ގަރުނެއްވެ، ތާރީޚުގެ ތެރެއިން މިދުވަސް ޖާގަހޯދިއެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން މިދުވަހަކީ ދުނިޔޭގެ ފުޓުބޯޅައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރާގޮތަށް ހަމަޖެހިގެންދިޔައީ 2024 ވަނަ އަހަރުގެ މެއިމަހުގެ 7 ވަނަ ދުވަހު އ.ދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ނަމްބަރު އޭ/އާރްއީއެސް/78/281 ވަނަ ގަރާރާއެކުއެވެ.
މި ގަރާރުގެ ސަބަބުން މިކުޅިވަރަކީ ނުފޫޒުގަދަ ވަރުގަދަ ކުޅިވަރެއްކަން އެނގިގެންދިޔައެވެ. ފުޓުބޯޅައަކީ ވިޔަފާރިއާއި، ސުލްހަ މަސަލަސްކަމާ، ދޭދޭ ގައުމުތަކުގެ ގުޅުމަށްވެސް އަސަރު ފޯރާފަދަ ބާރެއް ލިބިފައިވާ ކުޅިވަރެއްކަން ހާމަވެ، އެކުވެރިކަމާ އެއްބައެއްވަންތަކަން ދިރުވާ އާލާކުރުމުގެ ސަގާފަތެއް ފުޓުބޯޅައިގެ މާހައުލުން އުފައްދައިދޭކަމަށް ގަބޫލުކުރެވުނެވެ.
މީގެ އިތުރުން މިގަރާރުގެ ސަބަބުން ފެޑެރޭޝަން އިންޓަނޭޝަނަލް ދެ ފުޓްބޯލް އެސޯސިއޭޝަން (ފީފާ)އިން އަދާކުރަމުންދާ މުހިންމު ދައުރާއި، މިކުޅިވަރު ކުރިއެރުވުމަށް ސަރަހައްދީގޮތުންނާ އަދި ގައުމީ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން އެސޯސިއޭޝަންތަކުން ކޮށްދީފައިވާ މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރެވިގެންދިޔައެވެ.
ފުޓުބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކުގައިވެސް ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަމަށް ހިތްވަރުދީ، ތަރައްގީގެ އަރުތައަށް ވާސިލްވުމަށް މިންތީގެ ހަމަހަމަކަން އިސްކޮށް، އަންހެނުންނާއި، އަންހެންކުދިން ބާރުވެރިކުރުވުމުގެ ވަސީލަތަކަށް ކުޅިވަރު ހެދުމަށް ހުރިހާ ޤައުމަކަށްވެސް މި ގަރާރުންވަނީ ގޮވާލާފައެވެ. މީގެ އިތުރުން ދުޅަހެޔޮ ސިއްހަތަކަށްޓަކައި ހަރަކާތްތެރި ދިރިއުޅުމަކަށް ކުޅިވަރު އިޚްތިޔާރުކުރުމަށްވެސް މިގަރާރުގައިވަނީ އިލްތިމާސްކޮށްފައެވެ.
2024 ވަނަ އަހަރު އާންމު މަޖިލީހުން ފާސްކުރި ޤަރާރާއެކު، އ.ދ އިންވަނީ މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް މެމްބަރު ހުރިހާ ޤައުމަކަށް ގޮވާލާފައެވެ. މިގޮތުން ބައިނަލް އަގްވާމީ ޖަމިއްޔާތައް ހިމެނޭހެން، ސިވިލް ސާރވިސް އަދި ޕްރައިވެޓް ސެކްޓަރތަކާ، ޢިލްމީ މުއައްސަސާތަކުންވެސް މިކުޅިވަރު ކުރިއަރުވާ، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު ހޭލުންތެރިކުރުވުމަށް މި ގަރާރުން ގޮވާލާފަވެއެވެ.