ޚަބަރު

ފަލަސްޠީނަށް އެހީދޭ ފަރާތްތަކަށް ހަމަލާ ދެމުންދާތީ ރާއްޖެއިން އައިސީޖޭގައި ކަންބޮޑުވުން ފާޅުކޮށްފި


  • ޖަމިއްޔާތަކުގެ ބާރު ކަނޑުވާލުމަށް ޔަހޫދީން މަސައްކަތްކުރަމުންދާތީ ކަންބޮޑުވުންފާޅުކުރި

  • ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ

ފަލަސްޠީނުގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އިސްރާޢީލުގެ ޔަހޫދީން ޙަމަލާ ދެމުންދާތީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔަހޫދީން ފަލަސްޠީނަށް ދެމުންގެންދާ ޢުދުވާނީ އަދި ލާއިންސާނީ ޙަމަލާތަކާ ގުޅިގެން އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނަށް އެހީ ފޯރުކޮށްދެމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާޢީލުން ހަމާލާދޭތީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ވަނީ މައްސަލައެއް ހުށައަޅާފައެވެ. މި މައްސަލާގައި ރާއްޖެއިން ވަނީ ބައިވެރިވެ، ބަޔާނެއް ހުށައަޅާފައެވެ.

ރާއްޖެ ތަމްސީލުކުރައްވާ ބަޔާން ހުށައަޅުއްވަމުން ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު ޢުޝާމް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން މުހިންމުކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވަނީ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާގެ ބާރު ކަނޑުވާލުމަށް އިސްރާޢީލުން މަސައްކަތްކުރަމުންދާތީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އަދި އިންސާނީ އެހީދޭ ފަރާތްތަކަށް އަމާޒުކޮށް ޔަހޫދީން ޙަމަލާ ދެމުންދާތީވެސް އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އައިސީޖޭގައި ކުރިއަށްދިޔަ އަޑު އެހުމުގައި ބައެއް ވަކީލުންވެސް ރާއްޖެ ތަމްސީލްކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ވަކީލުން ވަނީ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަން ފާހަގަކުރައްވާފައެވެ.

އ.ދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ. އަދި ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ.ގެ މައި ޖަމިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް، އަންރުވާގެ މަސައްކަތްތައް ހުއްޓުވާލުމަށްވެސް ޔަހޫދީން ދަނީ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ދަނީ ލާއިންސާނީ ޙަމަލާތައް ދެމުންނެވެ.