ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން ޢާއްމުންގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކުން ނަގާ ފީއަށް އެއްވެސް ބަދަލެއް ނުގެންނަކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ވެމްކޯގެ ފީ ސްޓްރަކްޗަރއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، ފާއިތުވި މުއްދަތުގައިވެމްކޯއިން ކުނި ނަގަމުން އައީ ކުންފުނިން ކުރަމުންދާ ޚަރަދުތަކަށް ބަލައިގެން ނޫންކަމަށެވެ. އެހެންކަމުން ވެމްކޯގެ ހިނގުން ދެކޮޅުޖެހޭ އުޞޫލެއްގެ ދަށުން ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީތެރިކަމާއެކު ޚާއްޞަ ކޮންސަލްޓެންޓެއް މެދުވެރިކޮށް ކުންފުނީގެ ހިންގުމުގެ ޚަރަދުތަކަށް ބެލުމަށްފަހު އައު ފީ ސްޓްރަކްޗަރއެއް އެކުލަވާލާފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ، އަލަށް ގެނެވުނު ބަދަލާއެކުގައިވެސް ވެމްކޯއިން ޢާއްމު ގޭބިސީތަކުން ކުނިނެގުމުގެ ފީއަށާއި އަދި ވިޔަފާރި އުޞޫލުން ވެމްކޯއިން ދެމުންގެންދާ ޚިދުމަތްތަކުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަކަމަށެވެ.
"އަޅުގަނޑުމެން ބަދަލު މިގެނައީ ޓްރާންސްފަރ ސްޓޭޝަންތަކުން ޢާއްމުންނަށް ދެމުންގެންދިޔަ ޚިދުމަތްތަކަށް.. އެއީ ކިލޯއަކަށް އެއްރުފިޔާ ހަ ލާރި.. ތިލަފުށްޓަށް ދެރުފިޔާ ފަންސާސް ހަ ލާރި. އިތުރުން އެސްއޯއީތަކަށް ދެ ރުފިޔާ ފަސްދޮޅަސް ދެ ލާރި. ޖުލައި މަހުން ފެށިގެން ކުނި ވަކިކުރަން ލާޒިމުކުރާތީ ކުނި ސެގްރިގޭޓް ނުކުރާނަމަ އިތުރު 1000 ރުފިޔާ އަޅުގަނޑުމެން އެބަ ޗާޖްކުރަން" ސިރާޖް ވިދާޅުވިއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވެމްކޯއިން ވަނީ އެކުންފުނި ހިންގުމުގައި ކުރިމަތިވާ މާލީ ދަތިތައް ކޮމިޓީއާއި ހިއްސާކޮށްފައެވެ.
ބަޖެޓުން ވެމްކޯއަށް ދޫކުރާ ފައިސާއާއި މިނިސްޓްރީ އޮފް ފިނޭންސްއިން ދޫކުރާ ފައިސާއިންވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ ކޯރޕަރޭޝަން ހިނގުމަށް ހުރަސް އެޅިފައިވާކަން ވެމްކޯއިން ފާހަގަކުރެއެވެ. އެގޮތުން އަހަރަކު 15 މިލިއަން ޝޯޓް ވާކަން ފާހަގަކުރައްވައި ފީ ސްޓްރަކްޗަރއަށް އަލަށް ގެނެވުނު ބަދަލާއެކު އަންނަ ޖުލައި މަހާ ހަމައަށް އެ ޢަދަދު 10 މިލިއަނަށް ތިރި ކުރެވޭނެކަން ވެމްކޯއިން ފާހަގަކުރައްވައެވެ.
މާލޭގެ ގޭބިސީތަކުން ކުނި ނެގުމަށް ކުރަމުންދާ ހޭދަ ދެނެގަތުމަށް ކުރެވުނު މަސައްކަތުން ކޮންމެ ގޭބިސީއަކުން 553 ރުފިޔާ އަދި ވިޔަފާރިތަކުން ކޮންމެ ލީޓަރަކަށް 1.86 ރުފިޔާ ވެމްކޯއިން ޚަރަދު ހިނގާކަން ފާހަގަކުރެވިފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. ފީ ސްޓްރަކްޗަރއަށް ބަދަލު ނުގެނެސް މާލޭގައި ޚިދުމަތް ދިނުމަށްފަހު އަތޮޅުތެރޭގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ވެމްކޯގެ ކެޕޭސިޓީ ނެތްކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އެހެންކަމުން ޚަރަދު ދެކޮޅު ޖެއްސުމަށް ފީއަށް ކޮންމެހެން ބަދަލު ގެންނަން ޖެހޭކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
މާލެ ސަރަޙައްދުގައި 50000 ގޭބިސީ ހުރިއިރު އޭގެތެރެއިން ވެމްކޯގައި ރަޖިސްޓަރ ވެފައިވަނީ ގާތްގަނޑަކަށް 24000 އެއްހާ ގޭބިސީކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ގޭބިސީއިން ފީ ދައްކަމުން އަންނަކަން ވެމްކޯއިން ފާހަގަކުރެއެވެ.