ޚަބަރު

ތިލަފުށިން ކުނި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


ތިލަފުށީ ފަޅުތެރެއިން ގިނަ ޢަދަދެއްގެ ކުނި އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން އިލްތިމާސްކުރައްވައިފިއެވެ.

ވެމްކޯއިން ވިދާޅުވީ ޢާއްމުކޮށް އޮއެ ހުންނަ ގޮތުން އެކި ދުވަސްވަރު ތިލަފުށީ ފަޅުގެ އެންމެ އެތެރެއަށް ގިނަ ޢަދަދެއްގެ ކުނި އަބަދުވެސް ޖަމާވަމުންދާކަމަށެވެ. އަދި މިދުވަސްވަރު އޮއެ ހުރި މިސްރާބު ބަދަލުވުމާއި ގުޅިގެން ކުނިތައް ފަޅުތެރޭގައި ދައުރުވެ، މިކުނިތައް ކަނޑަށް ބޭރުވަމުންދާކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އެކުންފުނިން ވިދާޅުވީ ތިލަފުށީ ފަޅުތެރޭގައި ދައުރުވަމުންދާ ކުނިތައް، އެސަރަހައްދުގެ ކަނޑަށް ބޭރުވުމުގެ ފުރުސަތު ކުޑަކޮށް، މިއަދު ކުނިތައް ސާފުކޮށް ނިންމާލުމަށް ވެމްކޯގެ ޓީމުން މަސައްކަތްކުރަމުން އަންނަކަމަށެވެ.


އަހަރުތެރޭގެ އެކި މޫސުންތަކުގައި އޮޔާއި ވައި ހުންނަގޮތުން ކަނޑަށް އެޅޭ ކުނި ރާއްޖޭގެ އެކި ހިސާބުތަކަށް ޖަމާވެއެވެ. މިފަދައިން ޖަމާވެފައި ހުންނަ ކުނި ސާފުކުރުމުގެ އެކި ޕްރޮގްރާމްތައް އަބަދުވެސް ހިންގައެވެ.

ތިލަފުއްޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި މާލެއާއި އެކި ސަރަހައްދުތަކުން ޖަމާކުރެއެވެ. 1992 ވަނަ އަހަރުން ފެށިގެން ތިލަފުށްޓަށް ހަރުދަނާ ނިޒާމެއް ނެތި ކުނި ޖަމާކުރަމުންދާއިރު އެކަމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އޭގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން، ރައްޔިތުންގެ އާއްމު ސިއްހަތަށްވެސް ގެއްލުންވަމުންދާކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް އެކަން ހުއްޓުވައި ދެމެހެއްޓެނިވިގޮތެއްގައި ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގައި އެހީގައި އެންވަޔަަރަމަންޓް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.