ކޯވިޑް ވެކްސިނާއި ހިއުމަން ޕެޕިލޯމާ ވައިރަސް، އެޗްޕީވީ ވެކްސިން ޕްރޮގްރާމުތަކުގެ ކާމިޔާބީ ވަޒަންކުރަން ފުރިހަމަ ޕޯސްޓް-އިންޓްރޮޑަކްޝަން އިވެލުއޭޝަނެއް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނިންމައިފިއެވެ. މިއާއެކު ރާއްޖެވާނީ ކޯވިޑު ވެކްސިން ޕްރޮގްރާމުގެ ކާމިޔާބީ ވަޒަންކުރާ ފުރަަތަމަ ގައުމުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ވެކްސިން ޕްރޮގްރާމުގެ ކާމިޔާބީ ވަޒަންކުރަން ކުރިޔަށް ގެންދާ އިވެލުއޭޝަންގެ ތެރެއިން ޕްރޮގްރާމުތަކުގެ ކާމިޔާބީ އާއި އިތުރަށް ރަނގަޅުކުރަން ހުރި ދާއިރާތައް ދެނެގަނެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިކަން ދެނެގަންނަން ދިވެހިންނާއި ބޭރު މީހުން ހިމެެނޭ ޓީމަކުން ފީލްޑް ވިޒިޓުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުތަކަށް އެހީތެރިވެދޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މި ވިޒިޓުތަކުގައި ވެކްސިން ޖަހާ މަރުކަޒުތަކާއި ވެކްސިން ރައްކާކުރާ ތަންތަނަށް ޒިޔާރަތްކުރާނެއެވެ. އަދި ހެލްތު ވޯކަރުންނާއި އިސްސަފުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ވެކްސިންގައި އިސްކަންދޭ ގިންތިތަކުގެ މީހުންނާ އިންޓަވިއުތައް ކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން މި އިވެލުއޭޝަނުން ދެނެގަންނަ ކަންކަމަކީ ޤައުމީ ފެންވަރުގައި އާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ބޭނުންތެރި ފިލާވަޅުތަކަކަށް ވާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
Briefing meeting to mark the start of Maldives Joint Covid-19 & HPV post-introduction evaluation was held today. Maldives will be the first in the world to conduct the full evaluation (1/3) pic.twitter.com/tXJ91q1Bvw
— Health Protection Agency (@HPA_MV) December 5, 2021
ކޯވިޑް ވެކްސިނާއި ހިއުމަން ޕެޕިލޯމާ ވައިރަސް، އެޗްޕީވީ ވެކްސިނަކީ ރާއްޖޭގައި އެންމެފަހުން ބޭނުންކުރަން ފެށި ވެކްސިންގެ ދެ ބާވަތެވެ. އެޗްޕީވީ ވެކްސިނަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ރައްކާތެރިކުރުމަށްޓަކައި ޖަހާ ވެކްސިނެކެވ. މިވެކްސިން ޖެހުމުގެ ޕްރޮގްރާމު ފެށީ 2019 ވަނަ އަހަރުގެ މާޗްމަހުއެވެ. ހިއުމަން ޕެޕިލޯމާ ވައިރަސް، އެޗް.ޕީ.ވީ އިން ޖެހޭ ކެންސަރުތަކުން ރައްކާތެރިކުރުމަށްޓަކައި ރާއްޖޭގައި އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ވެކްސިން ދިނުމުގެ ކެމްޕެއިނެއްވެސްވަނީ ހިންގާފައެވެ. ކޯވިޑް ވެކްސިން ޖަހަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ރާއްޖޭގައި ކޯވިޑުން ދިފާޢުވުމަށް ސިނޮފާމްއާއި ކޮވިޝީލްޑް އާއި ފައިޒަރ ވެކްސިން އަންނަނީ ޖަހަމުންނެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ ތިންލައްކަ ނުވަދިހަ ފަސްހާހުން މައްޗަށް އަރާފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ތިންލައްކަ ފަސްދޮޅަސް ހަތަރުހާހުން މައްޗަށް އަރާފައިވާއިރު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ ފަނަރަ ހާހުން މައްޗަށް އަރާފައެވެ.