ހައިޓީ އަތުން ބްރެޒިލް 3-0އިން މޮޅުވި މެޗުގައި ރަފީނިއާ ބޭލީ ފަޔަށް ތަދުވުމުން ކަމަށާއި މި އަނިޔާގެ ކުޑަބޮޑުމިން ނޭނގޭ ކަމަށް ބްރެޒިލް ޓީމުން ބުނެފި އެވެ.
މެޗުގައި ބްރެޒިލްގެ ތިން ވަނަ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް ޖޫނިއާ ބުނީ ފުރަތަމަ ހާފުގައި ފަޔަށް ތަދުވެ، ރަފީނިއާ ބަދަލު ކުރަން ޖެހުމުން ދެރަވި ކަމަށެވެ.
"އުއްމީދަކީ މި އަނިޔާ ސީރިއަސް ނުވުން. ވަރަށް ދެރަ އޭނާ މެޗާ ވަކިވާން ޖެހުމުން. އަހަންނަށް ހީވަނީ މިއީ އޭނާ އަށް ކުރިން ވެސް އޭނާ އަށް ވި އަނިޔާހެން،" ވިނީޝިއުސް ބުންޏެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ކާލޯ އަންޗެލޯޓީ ބުނީ ރަފީނިއާގެ ފަލަމަސްގަނޑަށް ތަދުވެފައިވާ ކަމަށާއި މިއީ ކުރިން އޭނާ އަށް ދިމާވި މައްސަލަ ކަމަށެވެ. އެއީ ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު މެޗުގައި ވެސް މި މައްސަލަ ދިމާވެ، ބާސެލޯނާގެ މުހިންމު މެޗުތަކުގައި ނުކުޅެވި ސީޒަން ނިންމާލަން ޖެހުމެވެ.
"އަހަރުމެން މާދަމާ އޭނާގެ ފައި އެސެސް ކުރާނަން. އެއަށްފަހު އެނގޭނީ މިއީ ކިހާވަރެއްގެ އަނިޔާއެއްކަން. އަހަރުމެން އުއްމީދު ކުރަނީ އޭނާ އަށް އަވަހަށް ކުޅެން ނުކުމެވޭނެ ކަމަށް. މިވަގުތު ތަފްސީލެއް ނެތް. އަހަރެން އޭނާގެ ބަދަލުގައި ކުޅެން ނެރުނީ ރަޔަން. އެއީ ރަފީނިއާއާ އަޅާ ބަލާއިރު ތަފާތު ކުޅުންތެރިއެއް. އެކަމަކު އޭނާ ރަނގަޅަށް ކުޅުނު،" އަންޗެލޯޓީ ބުންޏެވެ.
އޭނާ އަދި ބުނީ އަނިޔާގައި ހުއްޓައި ވޯލްޑްކަޕް ޓީމަށް ނެގި ނޭމާ ޖޫނިއާ މާދަމާ ފަރިތަކުރަން ފަށާނެ ކަމަށާއި ކުރިއަށް އޮތް ސްކޮޓްލޭންޑް މެޗުގައި ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އަށް ކުޅެވޭނެ ކަމަށެވެ.