މޮރޮކޯގެ މިހާރުގެ ކޯޗު މުޙައްމަދު އުއާބީގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ނުކުޅެން, މިޑްފީލްޑަރ ސުފިޔާން އަމްރާބަތް ނިންމައިފިއެވެ. އަންނަ އަހަރު އޮންނަ އެފްރިކަން ކަޕް އޮފް ނޭޝަންންސްގެ ކޮލިފައިންގ މެޗުތައް ކުރިމަތީގައި އޮއްވައި އަމްރާބަތް ޓީމަށް ނުކުޅެން ނިންމި ހަމައެކަނި ސަބަބަކަށް ބުނީ މިހާރުގެ ކޯޗާއެކު ޓީމަށް ނުކުޅުމެވެ.
މިހާރުގެ ކޯޗާއެކު ގައުމީ ޓީމަށް ނުކުޅެން ނިންމި ސަބަބެއް 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި މޮޅަށް ކުޅުނު މިޑްފީލްޑަރު ނުބުނެއެވެ. އެންމެ ފަހުން އޮތް ވޯލްޑްކަޕްގައި އަމްރާބަތަށް ކުޅުމުގެ ފުރުޞަތު ލިބުނީ މަދުންނެވެ. މޮރޮކޯ ކުޅުނު ހަ މެޗުގެ ތެރެއިން ފުރަތަމަ އެގާރައިން ޖާގަ ލިބުނީ އެންމެ މެޗަކުންނެވެ. ކުއާޓާ ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުންވީ ބައްޔެވެ.
އަމްރާބަތުގެ ބަދަލުގައި މޮރޮކޯ ޓީމުގެ މެދު މިހާރު ކޮންޓްރޯލް ކުރަނީ ޒުވާން މިޑްފީލްޑަރ އައްޔޫބް ބުއާދީއެވެ. ބޮޑު އަގުގައި މެންޗެސްޓަރ ސިޓީއަށް ބަދަލުވެ, އެޓީމްގެ ކޯޗު މަރެސްކާގެ އިތުބާރުވެސް ބުއާދީ ވަނީ ހޯދާފައެވެ.
އަމްރާބަތް ގައުމީ ޓީމަށް ދުރަށް ދިޔަނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓައެއް ނުލައެވެ. ހަމައެކަނި ބުނީ މިހާރުގެ ކޯޗުގެ އިރުޝާދުގެ ދަށުން ނުކުޅޭނެ ކަމަށެވެ. އިހުތިރާމް ކުރުމުގެ ގޮތުން އެކަމުގެ ސަބަބު ހާމަނުކުރާނެކަމަށް އަމްރާބަތް ވަނީ ބުނެފައެވެ.
"އަހަރެން ސާފްކޮށްދޭން ބޭނުން. އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓައެއް ނުލަން. އަދި ގައުމީ ޓީމަށް އަހަރެންގެ ދޮރު ބަންދެއްވެސް ނުކުރަން.އަމްރާބަތު
ނެދަލެންޑްސްއަށް އުފަން އަމްރާބަތް މިހާރު ކުޅެނީވެސް އެގައުމުގެ ލީގުގައެވެ. ކުރީގެ ކޯޗު ވަލީދު ރެގުރާގިއިގެ އިރުޝާދުގެ ދަށުން އޭނާވީ މޮރޮކޯގެ މުހިއްމު ކުޅުންތެރިއަކަށެވެ.