ޚަބަރު

އެލްނީނޯގެ އަސަރު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަންގައިފި


  • މިއަހަރުގެ ފަހުކޮޅު ކަނޑުގެ މަތީފަށަލައިގެ ހޫނުމިން 4 ޑިގްރީއަށް އަރާނެކަމަށް އަންދާޒާކުރެވޭ

  • ޒަރޫރީ މުދާ މެދުނުކެނޑި ފޯރުކޮށްދެވޭނެ މަގުފަހިކުރުމަށް މަސައްކަތް ކުރަން އެންޑީއެމްއޭއިން އަންގާފައިވޭ

ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލްނީނޯ"ގެ ބާރުގަދަވަމުންދާއިރު އޭގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަންގަވައިފިއެވެ.

އެލްނީނޯގެ އަސަރު އަންނަ އަހަރުގެ ފެބުރުވަރީމަހާ ހަމައަށް ދެމިގެންދާނެކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިންވަނީ ހާމަކޮށްފައެވެ.

އެލްނީނޯއަކީ އިރުން ހުޅަނގަށް ދައުރުވާ ވައިގެ، ދައުރުވުމަށް މަޑުޖެހުމެއް އައުމާއި ގުޅިގެން ދުނިޔޭގެ ކަނޑުތަކުގައި ދައުރުވާ ހޫނު ފެނާއި ފިނިފެން ދައުރުވުމަށް ބަދަލުއައިސް އުފެދޭ މޫސުމީ ހާލަތެކެވެ.

ގުދުރަތީގޮތުން ވައިޖެހޭ ގޮތަށް އަންނަ ބަދަލަކާ ގުޅިގެން ކަނޑުތަކުގައިވާ ހޫނުފެން ދައުރުވުން މަޑުޖެހުމުގެ ސަބަބުން އެ ސަރަޙައްދެއްގެ ޖައްވުގެ ވައިގެ ފަށަލަ ހޫނުވެ ބޮޑެތި ތޫފާންތައް އުފެދުމަށް މަގުފަހިވެއެވެ. ހަމައެއާއެކު ކަނޑުތަކުގައި ހުންނަ ހޫނުފެން މަޑުޖެހޭ ހިސާބުގެ ގޮތުން ދުނިޔޭގެ އެހެން ހިސާބުތަކުގެ މޫސުމަށް އޭގެ އަސަރުކުރެއެވެ.

އެލްނީނޯގެ ބާރު ގަދަވަމުންދާތީ އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކުރައްވާފައެވެ. އެހެންކަމުން މިކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ބަލައިގެން ހުރިހާ ދާއިރާއަކުންވެސް ލިބިދާނެ ގެއްލުންތައް ދެނެގަނެ އެކަންކަމަށް ތައްޔާރުވުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ އަންގަވާފައެވެ.


އެންޑީއެމްއޭއިން ވިދާޅުވީ، އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި މުއައްސަސާތަކާއި ވިޔަފާރިތަކުން "ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން" އެކުލަވާލަންޖެހޭކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްވެސް އެންޑީއެމްއޭއިންވަނީ ބާރުއަޅުއްވާފައެވެ.

މިދަނޑިވަޅުގައި މޫސުމީގޮތުން ކުރިމަތިވެދާނެ ނުރައްކާތެރި ޙާލަތްތަކަށް ތައްޔާރުވުމަށް، ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިމެނޭ އުޞޫލުތަކެއް އެކުލަވާލާފައިވާއިރު ރާއްޖޭގެ ވިޔަފާރިތަކުންވެސް އެކަމަށް ސަމާލުވުމަށްވަނީ އެދިފައެވެ.

ކަނޑުގެ މަތީފަށަލައިގެ ހޫނުމިން އެވްރެޖް ހޫނުމިނަށްވުރެ 1.5 ޑިގްރީއަށްވުރެ މަތިވުމުން އެލްނީނޯއެއްކަމަށް ސައިންސްވެރިން ކަނޑައަޅާއިރު މިއަހަރުގެ ފަހުކޮޅު ކަނޑުގެ މަތީފަށަލައިގެ ހޫނުމިން 4 ޑިގްރީއަށް އަރާނެކަމަށް ސައިންސްވެރިން މިހާރުވަނީ އަންދާޒާކޮށްފައެވެ.

އެލްނީނޯގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އަންދާޒާކުރައްވާފައިވަނީ އަންނަ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މޫސުމީގޮތުން ބޮޑެތި ބަދަލުތައް ދުނިޔެއަށް އަންނާނެކަމަށް ލަފާކުރެވޭ މިދުވަސްވަރު ކާބޯތަކެއްޗާއި، ސިއްޙީ ޚިދުމަތްތަކާއި އެނޫންވެސް ޒަރޫރީ ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން ދުރާލާ ފިޔަވަޅުތަކެއް މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް އަޅަންޖެހެއެވެ.

މިޤަރުނުގައި ކުރިމަތިވާ އެންމެ ނުރައްކާތެރި އަދި އެންމެ އަސަރުގަދަ އެލްނީނޯއަށް ތައްޔާރުވުމަށް ޤައުމުތަކަށް މޫސުމާބެހޭ އިދާރާތަކުން އިންޒާރުދެމުންދާއިރު މިދުވަސްވަރުވެސް ބައެއް ޤައުމުތަކުގައި ބޮޑެތި ތޫފާންތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.