ޚަބަރު

އޭއީއެޗުން އައުޓްރީޗް ޕްރޮގްރާމްތައް ހިންގަން މަޝްވަރާކުރަނީ


  • ފުވައްމުލަކާއި ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިޕްރޮގްރާމް ހިންގަން މަސައްކަތްކުރަނީ

  • އައުޓްރީޗް ޕްރޮގްރާމްތަކުގެ ސަބަބުން ޑޮކްޓަރުންގެ ކުރިއެރުމަށް މަގުފަހިވޭ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކައިރި އަތޮޅުތަކުގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރަމުން އަންނަކަމަށް އެހޮސްޕިޓަލްގެ ސީއީއޯ ޑރ.އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. އެގޮތުން މިޕްރޮގްރާމް ހިންގުމަށް ފުވައްމުލައް ސިޓީއާއި ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއެކު މަޝްވަރާކުރަމުން އަންނަކަމަށް ސީއީއޯ ވިދާޅުވިއެވެ.

ޔުނިވަރސަލް ހެލްތު ކެއަރ ރަނގަޅުގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ މައި ހޮސްޕިޓަލާއި ގުޅިގެން އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަކީ މުހިއްމުކަމެކެވެ. ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭއީއެޗްގެ ސީއީއޯ ޑރ.އަޙްމަދު އަދީލް ނަސީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފުވައްމުލައް ސިޓީ އާއި ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މިކަމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވީ މިހާރުވެސް ހުޅުދޫ އާއި މީދޫއަށް ސްޕެޝަލިސްޓުންނާއި ރޭޑިއޮލޮޖިސްޓުން ޒިޔާރަތްކޮށް ރައްޔިތުންނަށް ޚިދުމަތްދެއްވާކަމަށެވެ.

"ފުވައްމުލަކާއި ތިނަދޫ ހޮސްޕިޓަލަށްވެސް އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތްކުރަމުންދަނީ މިހާރު މަޝްވަރާތައް ކުރިއަށްދޭ. މިއާއެކު އަޅުގަނޑުމެންގެ ހޮސްޕިޓަލާ މެދު ރީޖަންގައިވެސް އިތުބާރު ބޮޑުވެ، ޚިދުމަތްތައް ދެވޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިގެންދާނެ. އެއީ ހޮސްޕިޓަލްގެ ކުރިއެރުމަށް މުހިއްމުކަމެއް." ޑރ.އަދީލް ވިދާޅުވިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުންވެސް އޭއީއެޗް އާއި ރީޖަނަލް އެހެން ހޮސްޕިޓަލްތަކާއި ގުޅިގެންދަނީ އައުޓްރީޗް ޕްރޮގްރާމްތައް ހިންގަމުންނެވެ. މިޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ދެމުންދާ ޔުނިވަރސަލް ހެލްތު ކެއަރ ހަރުދަނާކޮށް ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޞިއްޙީ ފަރުވާ ލިބޭނެ މަގުފަހިވެގެންދާކަމަށެވެ. ހަމައެއާއެކު އައިޖީއެމްއެޗުން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްގެ ފައިދާ އޭއީއެޗްގެ ކުރިއެރުމަށްވެސް ލިބޭކަމަށެވެ.

"މިސާލަކަށް މިހާރު ނޭޝަނަލް ކާޑިއޮލޮޖީ ޑިޕާޓްމަންޓުން ކޮންމެ 2 ހަފްތާއަކުން އެއް ހަފްތާއެއްގައި އެބަ އާދޭ އޭއީއެޗަށް. މިއާއެކު އަޅުގަނޑުމެން މިހާރު ކާޑިއޮލޮޖިސްޓެއް ބޭރުން ގެނެސްފިން. ރާއްޖޭގެ ޓީމާއެކު މަސައްކަތްކުރުމުން، ކުރިއަށް އޮތްތަނުގައި އައިޖީއެމްއެޗްގެ އިންޓަވެންޝަންތައް މަދުވެ އަޅުގަނޑުމެންނަށް އަމިއްލައަށް މިދާއިރާ ކުރިއެރުވުމަށް އެބަ ފުރުސަތު ފަހިވޭ." ޑރ.އަދީލް ވިދާޅުވިއެވެ.

އޭއީއެޗްގެ ސީއީއޯ ވިދާޅުވީ ކަށީގެ ދާއިރާއިންވެސް އައްޑޫގައި ހުޅު ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކުރުމުގެ މަސައްކަތް ފެށުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ. އައުޓްރީޗް ޕްރޮގްރާމްތަކުގެ ސަބަބުން މާލެ ނައިސް ރަށުގައި ޢާއިލާ ކައިރީގައި ތިބެގެން ފަރުވާ ލިބުމަކީ ނަފްސާނީގޮތުންވެސް ބަލި މީހާއަށް ލިބޭ ވަރަށް ބޮޑު ލުޔެއްކަން ޑރ.އަދީލް ފާހަގަކުރެއްވިއެވެ.

ޞިއްޙީ ފަރުވާއަށް މާލެ ސަރަޙައްދަށް ބަރޯސާވުން ކުޑަކުރުމަށް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަކީ ސިއްޙީ ދާއިރާގެ ސަރުކާރުގެ ސިޔާސަތެކެވެ.