މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިޔަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއަހަރުގެ 1 މިލިޔަން ވަނަ ފަތުރުވެރިޔާ އަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާއެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ޤަޠަރު އެއާވޭސްގެ ފްލައިޓެއްގައެވެ.
1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ހޫނު މަރުހަބާއެއް މިއަދު ވަނީ ކިޔާފައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ބައިވެރިވެ ވަޑައިގެން މަރުޙަބާ ދަންނަވާފައެވެ.
މިއަހަރު ރާއްޖެއަށް 1 މިލިޔަންވަނަ ފަތުރުވެރިޔާ އައިސްފައިމިވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ލަހުންނެވެ. މީގެ މައިގަނޑު ސަބަބަކީ މެދު އިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތަރުފަތުރަށް އައިސްފައިވާ ލޮޅުމެވެ. އެހެން ނަމަވެސް މިހާލަތުން އަރައިގަނެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތެއް ކުރަމުންނެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1 މިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވާ ތާރީޚު ލަސް ކަމުގައިވިޔަސް 2024 ވަނަ އަހަރާ އަޅާ ބަލާއިރު، މި އަދަދު ހަމަވެފައިވަނީ އަވަހަށެވެ. އެގޮތުން 2025ވަނަ އަހަރު ރާއްޖެއަށް 1 މިލިޔަންް ފަތުރުވެރިން ހަމަވެފައިވަނީ ޖޫން 7 ވަނަ ދުވަހުއެވެ. އަދި 2024 ވަނަ އަހަރު 1 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ ޖޫން 27 ވަނަ ދުވަހުއެވެ.