ޚަބަރު

ލ.ގަމުގައި ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ފަށައިފި


ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން
ލ.ގަމުގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި ނެޓްމީޓަރިންގ އުސޫލުން ލ.ގަމުގެ 5 މިސްކިތަކާއި، އިޖްތިމާއީ މަރުކަޒުގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 60 ކިލޯވޮޓުގެ ސޯލަރ ޕީވީ ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ލ.ގަމު ކައުންސިލުން ކަރަންޓަށް ކުރާ ޚަރަދު ބޮޑުތަނުން ލުއި ވެގެންދާނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ސޯލާ ޕެނަލްތައް ހަރުކުރެވި ކަރަންޓް ފޯރުކޮށްދޭން ފެށުމުން ޑީސަލަށް ކުރާ ހޭދަ ކުޑަވެގެންދާނެކަމަށާއި، ސޯލާ ޕެނަލް ހަރުކޮށް އެ މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދޭން ފެށުމުން ދުވާލެއްގެ މައްޗަށް 80 ލިޓަރ ޑީސަލް މަދުކުރެވިގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. މިގޮތަށް ވެއްޖެނަމަ އެކުންފުންޏަށް 2400 ލިޓަރުގެ ޑީސަލް މަހެއްގެ މައްޗައް ސަލާމަތް ކުރެވިގެންދާނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި ޖަށްވަށް ބޭރުކުރާ ކަރބަންޑައި އޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް 5 ޓަން މަދުވެގެންދާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.

ކަރަންޓްގެ އަގު ހެޔޮކުރުމަށާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްތަކެއްގައި ސޯލާއިން ކަރަންޓް އުފައްދާ، ރައްޔިތުންނަށް އެޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ފެނަކަ ކުންފުންފުންޏާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ.