އޭޝިއަން ކަޕް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އިންޑިޔާގެ ގައުމީ އަންހެން ޓީމުން ތަށި އުފުލާލަން ދެކޮޅު ހަދައިފި އެވެ.
ޑުބާއީގައި ނިމުނު ފައިނަލުގައި ސްރީލަންކާ ބަލިކޮށް ތަށި ހޯދި މެޗަށް ފަހު އިންޑިޔާއިން މިކަމަށް ދެކޮޅު ހެދީ އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސް ޕާކިސްތާނުގެ މޮހްސިން ނަގްވީ ތަށި ދެއްވާގޮތަށް ހަމަޖެހިފައި އޮތުމުންނެވެ. މިހެންވެ ރަސްމިއްޔާތު ގަޑިއެއްހާ އިރަށް ދެމިގެންދިޔަ އެވެ.
އެންމެ ފަހުން ރަސްމިއްޔާތު ނިންމާލީ މެޗުގެ އަމްޕަޔަރުންނާއި ލަންކާ ޓީމަށް ރަނަރަބް ޓިމުގެ މެޑަލް ދިނުމަށްފަހު އެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިންޑިޔާގެ ކޯޗު އަމުލް މަޒުމްދާރު ތަކުރާރުކޮށް ވިދާޅުވީ މި ނިންމުމަކީ އިންޑިޔާގެ ކްރިކެޓް ބޯޑުގެ ނިންމުމެއް ކަމަށާއި އިންޑިޔާ ޓީމު ތިބީ އެ ނިންމުމަށް ތާއީދު ކޮށްގެން ކަމަށެވެ.
"މި ނިންމުން ނިންމާފައިވަނީ ބީސީސީއައި (އިންޑިޔާގެ ކްރިކެޓް ބޯޑު)އިން. އަހަރުމެންނަށް މި ހިސާބުން (ފައިނަލް މެޗު ނިނުމާއެކު ތަށި އުފުލާނުލައި) މި މުބާރާތް މި ނިމުނީ. އަހަރުމެންނަކީ ޗެމްޕިއަނުން. މިވަރުން ފުދޭ،" ކޯޗު ބުންޏެވެ.
އިންޑިޔާ ޓީމަށް ދެން ތަށި އުފުލާލުމުގެ ފުރުސަތު ލިބޭނީ ކޮންއިރަކުންތޯ އެހުމުން ކޯޗު ބުނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އިންޑިޔާގެ ފިރިހެން ޓީމު ވެސް ވަނީ މިފަދައިން އަމަލު ކޮށްފަ އެވެ. އެ ފަހަރު މައްސަލަ ގޯސްވުމުން އިންޑިޔާއިން ބުނީ ނަގްވީ އަތުން ތަށި ލިބިގަތުމަށް ބޭނުންނުވަނީ އޭނާ އަކީ ޕާކިސްތާނުގެ ސިޔާސީ ފަރާތަކަށްވާތީ ކަމަށެވެ. މޮހްސިން ނަގްވީ އަކީ އޭސީސީގެ ރައީސްގެ އިތުރަށް ޕާކިސްތާނުގް ކެރިކެޓް ބޯޑުގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވެސްމެ އެވެ. ނަމަވެސް މިކަމާ ގުޅިގެން އޭސީސީން ބުނީ އެ ޖަމާއަތުގެ މުބާރާތްތަކުގެ ތަށި ދެއްވާ ގޮތަށް އޮންނަނީ ރައީސް ކަމަށްވާތީވެ މިކަމަށް ދެކޮޅު ހަދާނަމަ ތަށި ހަވާލު ނުކުރާނެ ކަމަށެވެ. މި ގޮތުން އިންޑިޔާގެ ފިރިހެން ޓީމަށް ވެސް ތަށި ދީފައިނުވެ އެވެ.