އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 10 ކުޅުންތެރިންނާއިއެކު 1-0 ގެ ނަތީޖާއަކުން ސިޓީން ކާމިޔާބުކޮށްފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެވޭ އެންމެ ފޯރިގަދަ އެއް މެޗުގެ ގޮތުގައި ފާހަގަ ކުރެވޭ މި މެޗު ކުޅެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި 74 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 23 ވަނަ މިނިޓުގައި ރެފްރީ ވަނީ މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ރެފްރީ ފޯޑެން އަށް ރަތް ކާޑު ދައްކާފައިވަނީ އޭނާ ވެއްޓިފައިއޮއްވާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ގައިގައި ފައިން ޖެހުމާއި ގުޅިގެންނެވެ. ނަމަވެސް އޭގެ ކުރިން ފޯޑެންގެ ގައިގައި ފެނާންޑޭޒް ޖަހާ މަންޒަރުވަނީ ފެނިފައެވެ. ނަމަވެސް ރެފްރީ ކާޑު ދައްކާފައިވަނީ ފޯޑެން އަށެވެ.
މެޗުގެ 70 އަށްވުރެ ގިނަ މިނިޓުގައި އެއް ކުޅުންތެރިއަކު މަދުކޮށް ސިޓީން ކުޅެން ޖެހުމުގެ ފައިދާ ނަގާ ޔުނައިޓެޑްއިން ވަނީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މުޅި މެޗުގައިވެސް ސިޓީގެ ގޯލުކީޕަރު ޑޮންނަރޫމާ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ ޔުނައިޓެޑަށެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް މާކަސް ރަޝްފޯޑް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައިވަނީ ބޭރުވެފައެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައިވެސް ޔުނައިޓެޑްގެ ކޯބީ މައިނޯ ފޮނުވާލި ހަމަވާވެސް އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 60 ވަނަ މިނިޓުގައި އާލިން ހާލާންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަރިމަތިން ގްވަޑިއޯލް ނަގައިދިން ހުރަސް ބޮލުން ޖެހުމަށް އެންޒޯ ފެނާންޑޭޒް މަސައްކަތްކުރި ނަމަވެސް އޭނާގެ ބޮލުގައި ނުޖެހި އެ ބޯޅަ ހާލަންޑްއަށް ލިބުމުން އޭނާ ވަނި ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ލަނޑު ޖަހާފައެވެ. ރެފްރީ އެންމެ ފުރަތަމަ މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމި ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެއީ ރަގަޅު ލަނޑެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.
މި ނަތީޖާ އާއިއެކު ސިޓީން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް މޮޅުވެ ޖުމްލަ 12 ޕޮއިންޓް ހޯދާފައެވެ.