ޚަބަރު

އެލްވަރސްބަރގް އަތުން ބަޔާން މޮޅުވެއްޖެ


  • މިމެޗުގައި ކޭން ވަނީ ބަޔާންއަށް 150 ވަނަ ލަނޑު ޖަހއިދީފަ

ޖަރުމަނު ބުންޑެސްލީގާއަށް މިސީޒަންގައި އަލަށް ޕްރޮމޯޓްވި އެލްވަރސްބަރގް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

އެލްވަރސްބަރގްގެ ދަނޑުގައި ކުޅުނު މިމެޗު ބަޔާން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ. މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. މިގޮތުން 28 ހަމަލާ ބަޔާން އިން އުފައްދާފައިވެއެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ބަޔާން އިންނެވެ. ބަޔާންގެ މިލަނޑަކީ އެޓީމުގެ މޮރޮކޯ ފޯވަޑް އިސްމާއީލް ސައިބާރީ ނަގައިދިން ހުރަހެއް ހެރީ ކޭން ގައިގައި ޖެހިފައި ނަތަވަސްވި ފުރުސަތެއްގައި ލެނަރޓް ކާލް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ބަޔާންއަށް މެޗު ފަސޭހަ ވާނެކަމަށް ބެލެވުނު ނަމަވެސް މިސީޒަންގައި މިހާތަނަށް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަ އެލްވަރސްބަރގްގެ ކައިރީ ބަޔާންއަށް މާފަސޭހަވާގޮތެއް ނުވިއެވެ. މިގޮތުން ގިނަ ހަމަލާތަކެއް އުފެއްދުމާއެކުވެސް އެޓީމަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއް ލަނޑު ސުން ލަނޑުގެ ނަތީޖާގައި އޮވެގެންނެވެ.

މިމެޗުގައި ދެން ފެނިގެންދިޔައީ މިސީޒަންގައި ބަޔަރ ލެވަކޫސެން އާއި ބޮރޫޝިއާ މުންޗެންގްލަޑްބަކް ބަލިކޮށްފައިވާ އެލްވަރސްބަރގް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ތަނެވެ. މިލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މައުރީސް ކްރަޓެންމާޗަރއެވެ. މިމެޗުން ބަޔާން މޮޅުކޮށްދިން ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޭންއެވެ. މިއީ މިސީޒަންގައި ކޭން ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އަދި މިލަނޑު ވެފައިވަނީ ބުންޑެސްލީގާގައި އޭނާ ކުޅުނު 97 ވަނަ މެޗުގައި ކާމިޔާބު ކުރި 99 ވަނަ ލަނޑުގެ އިތުރުން ބަޔާންއަށް އޭނާ މިހާތަނަށް ކުޅުނު 153 ވަނަ މެޗުގައި ޖަހައިދިން 150 ވަނަ ލަނޑަށެވެ.

ކޭން ވަނީ ބުންޑެސްލީގާގައި 50 ލަނޑު 43 މެޗުން ހަމަކޮށް އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. އަދި އެންމެ އަވަހަށް 100 ލަނޑު ޖެހުމުގެ ރިކޯޑްވެސް އޭނާ މިފަހަރު ގާއިމް ކުރާނެކަމަށްވަނީ ބެލެވިފައެވެ. މިހާތަނަށް އެންމެ އަވަހަށް ބުންޑެސްލީގާގައި 100 ލަނޑު ޖެހުމުގެ ރިކޯޑް އޮންނަނީ 129 މެޗުން އެއަދަދު ހަމަކޮށްފައިވާ ޑިއެޓަރ މުލަރއެވެ.

މިކާމިޔާބީ އާއެކު ބަޔާން އޮތީ ކުޅުނު 3 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. އަދި އެލްވަރސްބަރގް އޮތީ 6 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. މިމުބާރާތުގައި ލީގުގެ 5 ވަނައިގައި އޮތް އާރްބީ ލެއިޕްޒިގް އާއި ހެމްބަރގް އެސްވީ ބައްދަލުކުރި މެޗު 5 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެއިޕްޒިގެވެ.