ޚަބަރު

"ވަޤުފު ކުންފުނީގެ ބޭނުމަކީ މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދުން"


  • މިސްކިތް މަރާމާތު ކުރުމަކީ ކައުންސިލާއި ދައުލަތުގެ ބަޖެޓަށް އެކަނި އުފުލޭނެ ބުރައެއް ނޫން

  • ވަޤުފު ނިޒާމުގެ ފައިދާ ވާނީ ކައުންސިލްތަކަށް

ޤައުމީ ވަޤުފު ކުންފުންޏަކީ މިސްކިތްތައް ސަރުކާރަށް ނެގުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ނޫން ކަމަށާއި އެއީ މިސްކިތް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން އުފެއްދެވި ކުންފުންޏެއް ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވަޤުފު ކުންފުންޏެއް ސަރުކާރުން އުފެއްދެވީ މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުތަކުގެ އަތުން ނަގައި، ރައްޔިތުންނަށް ޖެއްސުންކުރުމުގެ ބޭނުމުގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިސްކިތްތަކުގެ މަރާމާތުގެ ކަންކަން މިހާރު ކުރަމުން އަންނަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ސަރުކާރުން ކަނޑައަޅުއްވާފައިވާ ބަޖެޓެއްގެ ތެރެއިން ކަމަށެވެ. ހުރިހާ ރަށަކަށް މި ބަޖެޓް ބަހަންޖެހޭއިރު އެއީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށާއި ސަރުކާރުން ވަކި ކުންފުންޏެއް އުފެއްދެވީ އެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

މިއީ ކައުންސިލްތަކަށްވެސް އެކަނި އުފުލޭނެ މާލީ ބުރައެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަޤުފު ކޮމްޕެނީއެއް އުފެއްދުމުގެ ބޭނުމަކީ މިސްކިތްތައް ފޭރިގަނެ ކޮމްޕެނީގެ ދަށަށް ގެނައުމެއް ނޫން ސަރުކާރުގެ ސިޔާސަތަކީ. އެއީ މިސްކިތްތަކަށް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ހޯދުން. ވިޔަފާރިކޮށްގެން އެކި އެކި ގޮތްގޮތުން. މިހާރުވެސް ކޮންމެ އަހަރަކު މާލެ ސިޓީ ކައުންސިލަށް އަޅުގަނޑުމެން އެބަދެމު މިލިޔަނެއްހާ ރުފިޔާ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ މަރުކަޒުތަކުގެ އިތުރަށް 800 އަށްވުރެ ގިނަ މިސްކިތް ހުރިއިރު އިސްލާމީ ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި ވިޔަފާރިކޮށްގެން އެތަންތަނުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރަނީ އެހެން ޤައުމުތަކުގައިވެސް މިކަން ކުރާ އުސޫލުން ޒަމާނީ ނިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

"އިސްލާމީ ޝަރީޢާ ހުއްދާކުރާ ދާއިރާތަކުގައި ވިޔަފާރިކޮށްގެން އެހެން ޤައުމުތަކުގައިވެސް މިކަން ކުރާ އުސޫލުން ޒަމާނީ ނިޒާމެއްގެ ތެރެއިން މިކަންތައް ރަނގަޅުގޮތުގައި ބެލެހެއްޓޭނެ ގޮތެއް އެބަޖެހޭ ހޯދަން. އެހެންކަމުން އެފަދަ ނިޒާމެއްގެ ތެރެއަށް ދިއުމަށް ސަރުކާރުން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަޤުފުގެ ނިޒާމުގެ ތެރެއިން ފައިދާ ލިބިގެންދާނީ ކައުންސިލްތަކަށް ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފު މަޝްރޫޢުތައް ނިމި، އެތަންތަނުން ލިބޭ މަންފާއިން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި 2014ވަނަ އަހަރު ގާއިމުކުރި ދާރުލް އީމާންގެ ވަޤުފު ނަފާގެ ގޮތުގައި 6 މިލިޔަން ރުފިޔާ ލިބޭއިރު އެ ރުފިޔާވެސް ޚަރަދު ކުރެވެނީ މިސްކިތްތަކަށް ޚާއްސަކޮށްގެން ކަމަށް ވިދާޅުވިއެވެ.