މިމަހު 19 އިން އަންނަމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާ ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޤައުމީ ޓޭބަލްޓެނިސް ޓީމުން ތައްޔާރުވެފައިވާއިރު، ޓީމުގެ އަމާޒަކީ މުބާރާތުގައި ރަނގަޅު ކުޅުމެއްދައްކާ ރޭންކިން މައްޗައް ޖައްސާލުންކަމަށް ޓީމުގެ ކާމިޔާބު އެތުލީޓު އާއިޝަތު ރަފާ ނާޒިމް ބުނެފިއެވެ.
މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރަފާ ބުނީ، އޭޝިއަން ގޭމްސްގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. މިމުބާރާތުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ވާދަކުރާއިރު، މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ކަންކަން ދަސްވާނެ މުބާތާރެއްކަމަށް ރަފާ ފާހަގަކުރިއެވެ. އޭޝިއަން ގޭމްސްގެ ތެރެއިން އެކި ސްޓައިލްތަކަށް ކުޅޭ ތަފާތު ފެންވަރުގެ ކުޅުންތެރިންނާއެކު މެޗު ތަޖުރިބާތައް ލިބިގެންދާއިރު، ޤައުމީ ޓީޓީ ޓީމުގެ އަމާޒަކީ ކޮންމެ މެޗެއްގައިވެސް ހިތްވަރުކޮށް، އެކުއްޖެއްގެ އެންމެ ރަނގަޅު ކުޅުން ދެއްކުންކަމަށް ރަފާ ބުންޏެވެ.
ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ޓީޓީއިން އަށް ކުޅުންތެރިޔަކު ޤައުމު ތަމްސީލުކުރާނެއެވެ. ޤައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުޙައްމަދު ޝައްފާން އިސްމާޢީލް، މޫސާ މުންސިފް އަޙުމަދު، އަޚްޔާރް އަހްމަދު ޚާލިދް އަދި މުޙައްމަދު ޚަލަފް ރާފިޢުއެވެ. މީގެ އިތުރުން ޤައުމީ ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ ޢަލީ، އާއިޝަތު ރަފާ ނާޒިމް، އާއިޝަތު އަލްސާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމެވެ.
ރަފާ ބުނީ ޤައުމީ ޓީޓީ ޓީމުން އޭޝިއަން ގޭމްސްއާ ކުރިމަތިލާނީ ރޭންކިން މައްޗަށް ޖައްސާލުމުގެ އަޒުމުގައިކަމަށެވެ. ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެންޖެހުނަސް، ހިތްވަރާއެކު ކުރިމަތިލާނެކަމަށް ރަފާ ބުނެފަވެއެވެ.
"އޭޝިއަން ގޭމްސްއަކީ ދެން ވަރަށް ހައި ލެވެލް މުބާރާތެއް. ދުނިޔޭގެ އެންމެ ޓޮޕް ޓީމުތައް ކުޅޭ މުބާރާތެއް. އެހެންވީމަ ރަފާމެންގެ މިފަހަރުގެ އަމާޒަކީ ކުރިއާ ބަލާފަ ރޭންކިން މަތިކޮށްލުން. ކުރިން އިން ރޭންކިންއަށްވުރެ އިމްޕްރޫވްކުރެވޭތޯ ބަލާނީ. އެންމެ މޮޅެތި ޓީމުތަކާ އެކީ ކުޅޭއިރުވެސް ފައިޓެއްދެވޭތޯ މަސައްކަތްކުރާނީ" ރަފާ ބުންޏެވެ.
ޤައުމީ ސްކޮޑުގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ ރަފާވެސް ރާއްޖެ އައިސް ޤައުމީ ޓީމާއެކުވަނީ މަހެއްހާ ދުވަހު ފަރިތަކޮށްފައެވެ. މަތީތަޢުލީމް ހާސިލްކުރުމަށް ޔޫކޭގައި ދިރިއުޅެމުން އަންނަ ރަފާ މުބާރާތުގެ ކުރިން ޔޫކޭއަށް އަނބުރާ ގޮސްފަވާއިރު، މުބާރާތަށް ފުރާނީ އެކޮޅުންކަމަށް ޕީއެސްއެމް ނިއުސްއަށްވަނީ މައުލޫމާތުދީފައެވެ.
އަދި މެލޭޝިއާގައި ކިޔަވަމުން އަންނަ ދީމާއާއި އަޚްޔަރުވެސް ޤައުމީ ޓީމާ ގުޅޭނީ މެލޭޝިއާ މަގުން ޖަޕާނަށް ގޮސްކަމަށާ ޓީމުގެ ބާކީ ތިބި ކުޅުންތެރިން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ޤައުމީ ޓީޓީ ޓީމު މުބާރާތަށް ފަރިތަކުރަމުން އަންނަނީ މިއަހަރުގެ ޖުލައި ފަހުކޮޅު ޓީމާ ގުޅުނު ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗު އޮމިނިޔި އަޑެޑޮޓުންގެ އިރުޝާދުގެ ދަށުންނެވެ.