ޚަބަރު

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްސަ ހެދުމެއް ތައްޔާރުކުރަނީ


  • ވަޒީރު ޝަހީމް ވިދާޅުވީ އެ ހެދުން ފަރުމާ ކުރަން ހުޅުވާލުމަށް ނިންމާފައިވާކަމަށް

  • އިމާމުން ނަމާދު ކުރުމަށް މިހާރު ވަކި ހެދުމެއް ކަނޑައަޅާފައެއް ނޯވޭ

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު އަދި އާންމުކޮށް އިމާމު ކަމުގެ ވަޒީފާ އަދާ ކުރައްވާ އިމާމުން ނަމާދު ކުރާ ގަޑި އަށް ޚާއްސަ ހެދުމެއް ތައްޔާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ތާކިހަލެއް ވެސް ހިމެނޭހެން އެ ހެދުން ފަރުމާ ކުރަން ހުޅުވާލުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު އާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއްކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެކަމަށާއި މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ. މިގޮތަށް ފަރުމާކުރެވޭ ފޭރާންކޮޅަކަށް ތާޢީދުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

އިމާމުން ނަމާދު ކުރުމަށް މިހާރު ވަކި ހެދުމެއް ކަނޑައަޅާފައެއް ނޯވެއެވެ. ނަމަވެސް އީދު ނަމާދާއި ހުކުރު ނަމާދަށް ދާއިރު އިމާމުން، އަރަބިން ބޭނުން ކުރާ ހެދުން ނުވަތަ ޖުއްބާލައެވެ.

މިސްކިތްތަކުގައި އިމާމްކޮށް ނަމާދުކުރާ މީހުންނަށް ޚާއްސަ ހެދުމެއް ތައްޔާރުކުރުމަށް ނިންމާފައިވާއިރު ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާގައި ބޭނުންކުރުމަށް ގައުން އަދި ތާކިހާ އެއް ވެސް ތައްޔާރުކޮށްފައިވެއެވެ. އެ ގައުނާއި ތާކިހާއަކީވެސް ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ އިސްލާމީ ރީތި ގައުނެކެވެ.