ޚަބަރު

ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާގައި ބައިވެރިވުމުގެ މައްސަަލަ ކޮމެޓީއަށް


އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)ގެ މެންބަރަކަށް ދިވެހިރާއްޖެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުށަހަޅުއްވައިފިއެވެ.

"އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ވަނީ ޚާރިޖީ ގުުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.

އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)އަކީ މެމްބަރޝިޕް އުޞޫލުން ޤައުމުތަކުގެ ސަރުކާރާއި، މަދަނީ ޖަމިއްޔާތައް ހިނެމެނޭގޮތަށް އުފައްދާފައިވާ ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. އައި.ޔޫ.ސީ.އެންގައި ދުނިޔޭގެ 91 ޤައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ޤައުމުން 1400 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ޤުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ އައި.ޔޫ.ސީ.އެންއަކީ ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމްޢިއްޔާއެކެވެ.

އައި.ޔޫ.ސީ.އެންގެ އިސްނެންގެވުމުގެ މަތީން ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން ދިވެހިރާއްޖެއިން އައި.ޔޫ.ސީ.އެން ގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް "ޕާޓްނާޝިޕް"ތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން އެކިއެކި ނެޓްވަރކްތަކަށް ތަޢާރަފުވެވި އޭގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ފަންނީ މަޢުލޫމާތު ޙިއްޞާކުރުމާއި، ތަޖުރިބާ ޙިއްޞާކުރުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން މަންފާ ލިބިގެންދާނެ ކަންކަމެވެ. އަދި މިއީ، ދިރޭތަކެއްޗާއި، އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްވެސް ލިބިގެންދާނެ ފުރުޞަތެކެވެ.