ޚަބަރު

އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައި، އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން އުކުޅަހުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މުހިންމުކަމުގެ ވާހަކައެވެ. އަދި ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ފެރީ ޓަރމިނަލް ރަނގަޅު ފެންވަރެއްގައި ނެތުމުން ދިމާވާ ދަތިތަކާއި ކުރީގެ ބަނދަރުގެ ޖެޓީ ހަލާކުވެފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހުރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ރަށުގައި ޒުވާނުންނަށް ޚާއްޞަ ޔޫތު ސެންޓަރެއް ނުވަތަ އެފަދަ ޚިދުމަތް ދެވޭނެ ގޮތެއް ހަދައިދެއްވަން ވެސް ކައުންސިލުން ވަނީ އެދިފައެވެ. ހަމައެއާއެކު ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ހެލްތު ސެންޓަރުގެ ވަޞީލަތްތައް އިތުރުކޮށް އެ ސެންޓަރުން ދެވޭނެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާކަމަށްވެސް ކައުންސިލުންވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އުކުޅަސް ކައުންސިލުން ހުށަހެޅުއްވި ކަންކަންކަމާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވައި އަދި މި ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ހައްލުކުރެއްވުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ކައުންސިލުން ފާހަގަކުރައްވާފައިވާ ގޮތަށް ފެރީޓަރމިނަލްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެހީތެރިކަން ފޯރޮކޮށްދެވެން އޮތްގޮތެއް ބައްލަވައި އެކަމަށް މަގުފަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.