ޚަބަރު

ރާއްޖެއަށް ފުރުޞަތު ލިބުނީ ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން: ބައްސާމް


ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައީ، ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޮކްޓޫބަރުމަހު އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ބިޑް ކުރި ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ފުރުސަތު ދިނުމަށް ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމާފައެވެ. ސާފް ޗެމްޕިއަންޝިޕަކީ، މިސަރަހައްދުގައި ކުޅެވޭ އެންމެ ވާދަވެރި، އެންމެ ފޯރިގަދަ މުބާރާތެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ބޭއްވުމަށް ރާއްޖެއަށް ފުރުސަތު ލިބުނު ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "އެކްސްކްލޫސިވް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މުބާރާތް ބާއްވާނެ ޤައުމު ކަނޑައެޅުމުގައި އެންމެބޮޑަށް ބަލާފައިވަނީ، ކޯވިޑް ކޮންޓްރޯލް ކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތަށް ކަމުގައެވެ. އަދި ރައީސް ޞާލިހުގެ ސަރުކާރުން ކޯވިޑް ކޮންޓްރޯލް ކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި، ވެކްސިން ކެމްޕެއިނަކީ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނު އެންމެ ބޮޑު އެއް ސަބަބުކަމަށް ބައްސާމް ވިދާޅުވިއެވެ.

"ބިޑްކާމިޔާބު ވިއިރު އަޅުގަނޑު ދަންނަވާނީ ސަރުކާރުން ގެންގުޅުނު ސިޔާސަތު ކޯވިޑް-19އަށް، އެއީހަމަށް ވަރަށް ކާމިޔާބު އެއްޗަކަށް އަޅުގަނޑުމެން ބިޑްކާމިޔާބު ކުރުމަށް ލިބިގެންމިދިޔައީ. ރާއްޖޭގެ ހާލަތު ރަނގަޅުވުން، ސާކް ރީޖަންގެ ހުރިހާ ޤައުމަކާއި އަޅާބަލާއިރު ރައްޖޭގެ ހަލަތު އެންމެ ރަނގަޅީ. އަދި ހަމައެއާއިއެކީގައި އާބާދީގެ އެންމެ ބޮޑުބަޔަކަށް ދެޑޯޒް ވެކްސިން ޖެހިފަ އޮތްޤައުމަށް މިއޮތީ ރާއްޖެ. މިހުރިހާ ކަމަކަށްބަލާފަ ހަގީގަތުގައި އަޅުގަނޑުމެންނަށް މި ބިޑް ކާމިޔާބް ވެގެން މިދިޔައީ." ބައްސާމް ވިދާޅުވިއެވެ.

މިމުބާރާތް ރާއްޖޭގައި ބޭއްވުމަށް ސަރުކާރާއިއެކު އެފްއޭއެމްއިން ކުރި މަޝްވަރާތަކުގައިވެސް، ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޯވިޑް-19އާއިއެކު ރައްޔިތުން އުޅެމުންދިޔަ ހިތްދަތިކަމާއި، މާޔޫސްކަމަށް އުފާވެރިކަމެއް ގެނެސްދިނުމަކީ މުބާރާތް ބޭއްވުމަށް ސަރުކާރުންވެސް ބޭނުންވި އެއް ސަބަބުކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ދިމާވި ހިތްދަތިކަމުން އަރައިގަތުމަށް ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރު ކަމުގައިވާ ފުޓުބޯޅަ މެދުވެރިކޮށް، ޤައުމީ ރޫހާއި ޖޯޝް ގެނުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާޅިހުގެ ވިސްނުންފުޅެއްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމްގެ ވާހަކަފުޅުފައި ވަނީ ސާފް ޗެމްޕިއަންޝިޕް ފެށެން މިއޮތް ދޮޅު މަހެއްހާ ދުވަހުގެތެރޭގައި ހުރިހާ ރައްޔިތުން ވެކްސިން ޖަހައިގެން ޓީމަށް ސަޕޯޓް ދިނުމަށް ދަނޑަށް ވަދެވޭނެ ގޮތް ހޯދުމަށް އެދިވަޑައިގެންފައެވެ.

ސިއްހީ ތަޖުރިބާކާރުންނާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ބުނާގޮތުން ދިވެހިރާއްޖެއަކީ ކޯވިޑްގެ ހާލަތު ހަމައަކަށް އަޅުއްވަމުން އެންމެ ރަނގަޅަށް މަސައްކަތްކުރަމުންދާ އެއް ޤައުމެވެ. އެގޮތުން ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ސަރުކާރުން ދަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ %90 އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް ފެށުމަށްވެސް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.