ޚަބަރު

ވެކްސިން ނުޖަހާ ސިވިލް ސަރވަންޓުން ކޮންމެ 14ދުވަހަކުން ޕީސީއާރް ޓެސްޓު ހަދަންޖެހޭ


ވެކްސިން ނުޖަހާ ސިވިލް ސަރވިސް މުއައްޒަފުންނަށް ސެޕްޓެމްބަރު އެކަކުން ފެށިގެން އޮފީހަށް ނިކުމެވޭނީ ޕީސީއާރް ޓެސްޓް ހަދައިން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރެފަވާ ސަރކިއުލަރއެއްގައިވަނީ ވެކްސިން ނުޖަހާ ސިވިލް ސަރވިސްގެ މުއައްޒަފުން، އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮފީހަށް ނިކުމެވޭނީ ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށެވެ. އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ ގޮތަށް ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ.

ވެކްސިން ފުރިހަމަ ނުކުރާ މީހުން ކޯވިޑަށް ޓެސްޓުކުރުމަށް އަންގާފައިވަނީ އޮފީސް މާޙައުލުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެހެންކަމުން ސިވިލް ސަރވިސް މުއައްޒަފުންގެ ތެރެއިން ކޯވިޑް ވެކްސިން ނުޖަހާ މުވައްޒަފުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމަށް ސިވިލް ސަރވިސްއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އެހެންކަމުން ވެކްސިން ޖަހާފައިނުވާ މުޢައްޒަފުން މިގޮތުގެމަތިން ޢަމަލުކުރުމަށާ، މުއައްޒަފުން މިގޮތަށް ޢަމަލުކުރަމުންދާކަން ސިވިލް ސަރވިސްގެ އިދާރާތަކުން ކަށަވަރު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސަރކިއުލަރގައިވަނީ އަންގަވާފައެވެ.

ކޯވިޑް ބަލިން އަރައިގަތުމަށް މިވަގުތު އޮތް އެންމެ މުހިންމު ވަސީލަތަކީ ވެކްސިންއެވެ. ރާއްޖޭގެ ރައްޔިތުން ވެކްސިން ފުރިހަމަކުރުމަށް ބާރުއެޅުމަށް ޚާއްސަ ކެމްޕެއިނެއް ފަށާ، އަދި ވެކްސިނާ ގުޅޭ އުސޫލުތައްވެސްވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން
އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ ފަރާތްތަކާމެދު ބައެއް ޚިދުމަތްތައް ހޯދުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

  • ވެކްސިން ނުޖަހާ މީހުންނަށް ޝަރުތުތައް ކަނޑައެޅުމަށް ނިންމާފައިވާ ޚިދުދަތްތަކުގެ ތެރޭގައި:
  • • ހޮޓާ ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން
  • • ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތައް
  • • ޕަބްލިކް ޓްރާންސްޕޯޓާއި، ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރުން
  • • ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ޚިދުމަތްތައް ދޭ ފަރާތްތައް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް)
  • • އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ޙާޟިރުވުން


ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90މީހުންނަށް، މި މަސް ނިމުމުގެ ކުރިން ވެކްސިން ފުރިހަމަކުރުމަށެވެ.